ހަބަރު

ބެންޗު ބަދަލުކޮށް ޔާމީން ދޫކޮށްލަން ހައިކޯޓުން ހުކުމްކޮށްފި

ޝަރީއަތް ނިމެންދެން ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލައި، މިނިވަން ކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެގޮތަށް ހުކުމް ކުރީ އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގެ ހުކުމްގަ އެވެ. ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުކުރީ އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާ މަނީ ލޯންޑްރީ މައްސަލާގަ އެވެ. އެ މަނިކުފާނު ބަންދު ކުރަން އަމުރު ނެރުނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިގެނެވެ.

ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުކުރަަން އެދުނީ ދެ ކުށެއްގެ ތުހުމަތުގަ އެވެ. އެއީ މަނީ ލޯންޑްރިން މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ކުށާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލާގެ ތަހުގީގުގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގަ އެވެ.

ހައިކޯޓުގެ ހުކުމްގައި ފާހަގަކުރި ގޮތުން އޭގެ ތެރެއިން މަނީ ލޯންޑްރިންގެ މައްސަލައަކީ ޝަރީއަތަށް މިހާރު ހުށަހެޅިފައިވާ މައްސަލައަކަށްވާއިރު، އެފަދަ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އުސޫލުތަކެއް ގާނޫނުގައިވާ ކަމަށެވެ. އެގޮތަށް ބަންދުކުރެވޭނީ މެދުކެނޑުމެއްނެތި އަޑުއެހުންތައް ކުރިއަށް ގެންގޮސް އެކަށިގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމުމަށް އިންތިޒާމްކޮށްފައިވާނަމަ އެވެ. ނަމަވެސް މި މައްސަލާގައި ބަންދު އިތުރުކުރުމަށް ހާޒިރު ކުރުން ނޫން އަޑުއެހުމެއް މިހާތަނަށް ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިނުވާކަން ހައިކޯޓުން ފާހަގަކުރި އެވެ.

އެ މައްސަލައާ ގުޅޭ ހެކިންނަށް ނުފޫޒު ފޯރުވުމަށް ރައީސް ޔާމީން މަސައްކަތް ކުރުމުގެ އެއްވެސް ހެއްކެއް މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް ފުލުހުންނާއި ޕީޖީގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އޭގެއިތުރަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ބަންދުކޮށްފައިވާއިރު އެ މައްސަލާގެ ތަހުގީގު އަދިވެސް ނުނިމޭ ކަމާއި އަދި ނިމޭނެ ދުވަހެއް ވެސް ބުނަން ނޭނގޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ހުކުމްގައި ބުންޏެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ބޮޑު ކުށެއްގެ ތަހުގީގަކާ ގުޅިގެން މީހަކު ބަންދުކޮށްފައި ބެހެއްޓޭނީ 30 ދުވަހަށް ކަމަށާއި އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެނަމަ، އިތުރުކުރަން އެދެވޭނީ 15 ދުވަސްކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ.

ނަމަވެސް އެ މައްސަލާގައި ޕީޖީގެ ފަރާތުން މުއްދަތު އިތުރު ކުރަން އެދިފައިނުވާ ކަމަށާއި ބަންދުގައި ބެހެއްޓޭނެ 30 ދުވަހުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށް ވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމްގައި ބުނެފައިވެ އެވެ. އެހެންވެ ރައީސް ޔާމީން އިތުރަށް ބަންދުގައި ބެހެއްޓެން ނެތަތީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނެރުއްވާފައިވާ ކޯޓު އަމުރު ހައިކޯޓުން ބާތިލްކުރީ އެވެ.

މި މައްސަލާގައި މިއަދު ހުކުމް އިއްވީ އެ މައްސަލަ ކުރިން ބެއްލެވި ފަނޑިޔާރުންގެ ބެންޗު ބަދަލުކުރުމަށްފަހު އެވެ. އެގޮތުން އެ ބެންޗުގައި އިންނެވި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް ބާކީކޮށް، އޭނާގެ ބަދަލުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުޝްމާނު ބެންޗަށް ވަޑައިގެންނެވި އެވެ. ދެން ބެންޗުގައި ތިއްބެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު ހުސެން ޝަހީދެވެ.