ދުނިޔެ

ޑާކާގައި ރޯވި އިމާރާތުގައި ސަލާމަތީ އާލާތެއް ނެތް!

Mar 30, 2019

ޑާކާ (މާޗް 30) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުރި 19 ބުރީގެ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 25 މީހުން މަރުވެފައިވާއިރު، އެ އިމާރާތުގައި އެކަށީގެންވާ މިންވަރަށް ސަލާމަތީ އާލަތްތައް ނެތް ކަމަށް އޮފިޝަލުން ތުހުމަތުކޮށްފި އެވެ.

ޑާކާގެ ފަޔާ ޑިޕާޓްމަންޓުގެ އޮފިޝަލަކާއި ހަވާލާދީ ބީބީސީ ނޫހުން ބުނިގޮތުގައި، ހާދިސާ ހިނގިއިރު، އިމާރާތުގައި ހުރި ގިނަ އެމާޖެންސީ ދޮރުތައް ހުރީ ތަޅުލާފައިވާކަމަށެވެ. އެ ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު 70 އަށް އަރާފައިވާއިރު، މަރުވި މީހުންގެ ތެރެއިން ހަ މީހަކު އަލިފާނުން ސަލާމަތްވުމަށް އިމާރާތުން ފުންމާލާފައިވާކަމަށްވެ އެވެ. އަދި އެ އިމާރާތުގައި އަލިފާން ނިއްވަން ބޭނުންކުރާ އާލާތްތައް މަދުކަމަށްވެސް އޮފިޝަލުން އިތުރަށް ބުނެފައިވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޑާކާގެ ބަނާނީ ސަރަހައްދުގައި ހުރި އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގަ އެވެ. ނަމަވެސް، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފުނިވާއިރު، އެކަމުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ސަރުކާރުން ވަނީ ކަމާބެހޭ އިދާރާތަކަށް އަންގައިފަ އެވެ.

ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ފެންޖެހުމާއި، އިމާރާތުގެ ފުރާޅުގައި ތިބި ބަޔަކު ވެސް ސަލާމަތްކޮށްފައިވާކަމަށް އޮފިޝަލަކާއި ހަވާލާދީ ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

މިދިޔަ މަހުވެސް ޑާކާގައި ހުރި އެޕާޓްމަންޓު ބިލްޑިންގްތަކެއްގައި ރޯވެ، 70 އަށް ވުރެ ގިނަ މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.