އޭއެފްސީ

ވާދަވެރިން ނަން ނެގުމުން އޭއެފްސީ ރައީސްކަމަށް ސަލްމާން

އޭއެފްސީގެ އިންތިހާބުގައި، މިހާރުގެ ރައީސް ބަހްރެއިންގެ ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ އާ ވާދަ ކުރެއްވުމަށް ކުރިމަތި ލެއްވި ދެ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން، އޭއެފްސީގެ ރައީސް ކަމަށް އަނެއްކާވެސް ސަލްމާން ހޮވުމުގެ ފުރުސަތު ބޮޑު ވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ، އިންތިހާބުގައި، ސަލްމާން އާ ވާދަ ކުރައްވަން ކެނޑިޑެސީ ހުށަހެޅުއްވި ދެ ބޭފުޅުންނަކީ، އަރަބި އެމިރޭޓްސްގެ މުހައްމަދު ޚަލްފާން އަލް ރުމައިޘީ އާއި ގަތަރުގެ ސައުދު އަލް މުހަންދީ އެވެ. އަލް ރުމައިޘީ ކުރިން ނަން ނެންގެވި އެވެ. އަލް މުހަންދީ ނަން ނެންގެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ގަތަރުގެ ފުޓްބޯލް ފެޑްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އަލް މުހަންދީގެ ނަން ނެގުމަށް ފަހު ސަލްމާންއަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ޝައިހް ސަލްމާން އަކީ ގަތަރާ އެހާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެއް ނޫނެވެ. ގަތަރުން ކެނޑިޑޭޓަކު ކުރިމަތި ކުރައްވައި ނަން ނެންގެވީ ގަތަރާ މެދު ސަލްމާން ގެންގުޅުއްވާ ސިޔާސތު ފިނި ކުރެއްވު މަށެވެ.

ސަލްމާން ގެންދަ ވަނީ 2013 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ރައީސްކަން ކުރައްވަމުންނެވެ. ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ސަލްމާންއަށް ހުރިހާ ގައުމުތަކުންވެސް ވޯޓް ދެއްވާނެ ކަމަށް ގަބޫލު ކުރެ ވެއެވެ.

އޭއެފްސީގެ ރައީސް ކަމަށް ކުރިމަތި ލައްވަނެ ކަމަށް، ސައުދީ އަރަބިއްޔާގެ ފުޓްބޯލް ފެޑްރޭޝަންގެ ކުރީގެ ރައީސް އަދީލް ބިން އިއްޒަތުވެސް އިއުލާން ކުރި އެވެ. އެހެންނަމަވެސް އޭނާ ކުރިމަތި ނުލެއްވީ ސައުދީ އާ ދެކޮޅަށް ޖިއޯ ޕޮލިޓިކްސްގެ ތެރެއިން ގައުމުތަކުން ކުރިމަތި ކުރި ޕްރެޝަރތަކާ ހެދި އެވެ.