ހަބަރު

ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި އަމުރު ބާތިލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެންކް އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެކަމާއި ގުޅުން ހުރި ފައިސާ ނުހިފަހައްޓައިފިނަމަ، އެ ފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި
އޮންނާނެތީ އެވެ. ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރުގެ ދަށުން ފްރީޒް ކުރި ރައީސް ޔާމީންގެ އެކައުންޓްތަކުގައި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހުރި ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. ފްރީޒުކުރީ އެމަނިކުފާނުގެ އަށް އެކައުންޓެކެވެ.

އެ އެކައުންޓްތައް ފްރީޒުކުރީ އެމްއެމްއޭއިން ފުލުހަށް ފޮނުވި ސިޓީއަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ކުރިމިނަލް ކޯޓުގައި އެދިގެންނެވެ. އެ މައްސަލާގައި ހެކީގެ ގޮތުގައި ކުރިމިނަލް ކޯޓަށް ހުށަހެޅީ ވެސް އެ ސިޓީ އާއި ބޭންކް ސްޓޭޓްމެންޓްތަކެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒު ކުރި އަމުރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ސިއްރުން ކުރިއަށް ގެންދިޔަ އަޑުއެހުންތަކަށް މިއަދު ހުޅުވާލައިގެން ބޭއްވި ހުކުމް އިއްވުމުގެ އަޑުއެހުމުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނު ވިދާޅުވި ގޮތުގައި އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެކެވެ. އެ ދެ މާއްދާއަކީ މީހެއްގެ އެކައުންޓް ފްރީޒުކުރަން އަމުރު ނެރުމުގެ އިޖުރާއަތްތައް ބަޔާންކުރާ ދެ މާއްދާ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ)ގައިވާ އެންމެ ފުރަތަމަ އެދެން ޖެހޭނީ އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށެވެ. މީހެއްގެ ބޭންކް އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށް އެދެވޭނެ ހާލަތްތައް އެ މާއްދާގައި ބަޔާންކުރެ އެވެ.

ދެން އޮތް 73 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.

ނަމަވެސް ރައީސް ޔާމީންގެ މައްސަލާގައި ދައުލަތުން އަމަލުކޮށްފައިވަނީ އެ އިޖުރާއަތްތަކާ އެއްގޮތަށް ނޫންކަން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. އެގޮތުން ހުކުމްގައި ބުނީ އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ދެމެދު މޮނިޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ.

ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ވަނީ 72 ވަނަ މާއްދާގެ (ބ) އަކީ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ކަމަށް ބުނެފަ އެވެ. (ބ)ގައި ބުނަނީ ޕްރޮސިކިއުޓާ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.

ނަމަވެސް ހުކުމްގައި ބުނީ ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތުތައް ހޯދަން ވާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލިޔުމަކުން އެދިގެން ކަމަށް މާއްދާގައި ބުނާ ކަމަށެވެ. އެ މާއްދާގެ ދަށުން ވެސް ލިޔުމަކުން ދައުލަތުން އެދިފައި ނެތްކަން ހާމަވާ ކަމަށެވެ.

މިއަދު ނާތިލް ކުރި އަމުރަކީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ އަމުރެކެވެ.