ދުނިޔެ

ފުރަތަމަ ބުރު ކާމިޔާބުކޮށް ޔޫކްރެއިންގެ ކޮމީޑިއަނެއް ރައީސްކަމާ ގާތަށް

Apr 1, 2019

ކިއޭވް (އޭޕްރީލް 1) - ޔޫކްރެއިންގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، އެގައުމުގެ ޓީވީގައި މަޖާ ބައި ކުޅޭ ކޮމީޑިއަނެއް ކާމިޔާބުކޮށްފި އެވެ.

އެގްޒިޓް ޕޯލްތައް ދައްކާގޮތުން، ޔޫކްރެއިންގެ ކޮމެޑީ ޝޯއެއްގައި، ރައީސްގެ ރޯލް ކުޅޭ ވޮލޮޑިމީރު ޒެލެންސްކީ ވަނީ ފުރަތަމަ ބުރުގައި 30.4 ޕަސަންޓް ވޯޓު ކާމިޔާބުކޮށްފަ އެވެ. ދެވަނާގައި އޮތީ، 17.8 ޕަސަންޓް ވޯޓާއެކު މިހާރުގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ އެވެ.

އެންމެ ގިނަ ވޯޓު ލިބިނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން، އެކަމަކު މިއީ އަދި އެންމެ ފަހުގެ ނަތީޖާއެއް ނޫން،" ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތް ޒެލެންސްކީ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު ނޫސްވެރިނަށް ވިދާޅުވި އެވެ.

ވޯޓުލުމުގައި ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނި ނަމަވެސް، އިންތިހާބު އޮބްޒާވްކުރި ބޭރުގެ ފަރާތްތަކުން ބުނީ ނަތީޖާ ބަދަލުވާފަދަ ކަންތައްތަކެއް ފާހަގަވެފައިނުވާ ކަމަށެވެ.

ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޒެލްސިންކީގެ ކޮމެޑީ ޝޯގައި އޭނާ ދައްކުވައިދެނީ، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރި އާންމު ރައްޔިތެއް، ރައީސްކަމަށް އަންނަ ގޮތެވެ.

ޒަމާނުއްސުރެ ކެމްޕެއިން ކުރުމުގެ އާންމު ސަގާފަތްވެސް އޭނާ ވަނީ މުޅީން ބަދަލުކޮށްލައިފަ އެވެ. މުޅި ކެމްޕެއިންގައި ވެސް އޭނާ އެއްވެސް ސިޔާސީ އެއްވުމެއް ބާއްވާފައިނުވާއިރު، މާބޮޑު ސިޔާސީ ފިކުރަކާއި ވައުދުތަކެއް ވެސް ވެފައެއް ނުވެ އެވެ. އޭނާގެ މުޅި ކެމްޕެއިން ބިނާކޮށްފައިވަނީ، ސޯޝަލް މީޑިއާއަށެވެ. އަދި ކުރީގެ ސިޔާސީ ލީޑަރުން ކަންކުރި ގޮތާއި ތަފާތުކޮށް ގައުމު ހިންގާނެކަމުގެ މެސެޖު ރައްޔިތުންނަށް ވަނީ ކަމުގޮސްފަ އެވެ.