ދުނިޔެ

ބްރެކްސިޓް: މެމްބަރުންގެ ހުށަހެޅުންތަކަށް އަނެއްކާވެސް މެޖޯރިޓީ ނުލިބުނު

Apr 2, 2019

ލަންޑަން (އޭޕްރީލް 2) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެޅުއްވި އެއްބަސްވުމަށް ޔޫކޭ ޕާލަމަންޓުގައި ތިން ބުރަށް ފެއިލްވެފައިވާއިރު، އެކަމަށް މެމްބަރުން އަމިއްލައަށް ހުށަހެޅި އިސްލާހުތަކަށް އަނެއްކާވެސް މެޖޯރިޓީއެއް ނުލިބުނެވެ.

އެގޮތުން، އިއްޔެ ޕާލަމަންޓުގައި ވޯޓަށް އެހުނު ހަތަރު ހުށަހެޅުމަށް ވެސް މެމްބަރުންނަށް އެއްބަސްވެ ވޭގޮތެއް ނުވި އެވެ. އެކަމާއި ގުޅިގެން، މޭ ވަނީ ކެބިނެޓު ބައްދަލުވުމެއް ތާވަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މޭގެ އެއްބަސްވުން އަނެއްކާވެސް ޕާލަމަންޓުގެ ވޯޓަކަށް އެހުމާމެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

އީޔޫން ވަކިވުމުގެ މުއްދަތު އޭޕްރީލް 12 އާ ހަމައަށް އިތުރު ކޮށްދީފައި ވާއިރު، އެ ތާރީހުގެ ކުރިން އެއްބަސްވުމެއް ނެތި ވަކި ވާނީތޯ ނުވަތަ މުއްދަތު އިތުރު ކުރަން އަލުން އީޔޫގައި އެދުމާއި ގުޅޭ ގޮތުން ގޮތެއް ނިންމަން ވަނީ ޖެހިފަ އެވެ.

އިއްޔެ ޕާލަމަންޓުން ގޮތެއް ނިންމަން ހުށަހެޅި ކަންތައްތަކަށް އަމަލު ކުރުން ސަރުކާރަށް ލާޒިމު ނޫން ނަމަވެސް، ކޮންމެވެސް އެއް އަމާޒަކަށް ދިޔުމަށް މެމްބަރުންނަށް އިއްތިފާގު ވެވޭނެ ކަމަށް ބެލެވުނެވެ. މިދިޔަ ހަފުތާގައި އަށް ކަމެއްގެ މައްޗަށް މެޖޯރިޓީ ލިބިފައި ނުވާއިރު، އިއްޔެގެ ހަތަރު ހުށަހެޅުމަށް ވެސް ގިނަ މެމްބަރުން ވަނީ ނޫނެކޭ ބުނެފަ އެވެ.

އިއްޔެ ވޯޓަށް އެހި، ފެއިލްވި ހުށަހެޅުންތައް

  • އެއްބަސްވުމުގައި އީޔޫއާއެކު ދާއިމީ ކަސްޓަމްސް ޔޫނިއަނެއް ގާއިމު ކުރުމުގެ މަޝްވަރާތައް ހިމެނުން
  • ކޮމޮން މާކެޓެއްގެ ދަށުން ޔޫރަޕިއަން ފްރީ ޓްރޭޑް ޔޫނިއަންގެ އިތުރުން ޔޫރަޕިއަން އިކޮނޮމިކް އޭރިއާގައި ބައިވެރިވުން
  • ޕާލަމަންޓުން ފާސްކުރާ އެއްބަސްވުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނެގުން
  • އެއްބަސްވުމެއް ނެތި އީޔޫން ވަކި ނުވެވޭ ގޮތް ހަދަން ބްރެކްސިޓް ކެންސަލް ކުރުން

އިއްޔެގެ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ތިން ވޯޓުގެ ތަފާތުން ފެއިލްވެފައިވަނީ ކަސްޓަމްސް ޔޫނިއަނެއް ގާއިމު ކުރުމުގެ ހުށަހެޅުމެވެ. އެ ހުށަހެޅުމުގައި ވަނީ އީޔޫގެ ސިސްޓަމުން ޔޫކޭ ވަކިނުވެ، އީޔޫގެ އެހެން ގައުމުތަކުން ނަގާ ޑިއުޓީ އަދި ޓެކްސްތަކަށް އަމަލުކުރަންޖެހޭ ގޮތަށެވެ.

އެ ހުށަހެޅުމުގެ ދަށުން، މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައިވާ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ އެވެ. ނަމަވެސް، އެ ހުށަހެޅުމާ ދެކޮޅު މެމްބަރުން ވިދާޅުވީ، އެ ހުށަހެޅުމުގެ ދަށުން ވަކިވަކި ގައުމުތަކާއި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރުމުގެ ދޮރު ބަންދުވާނެ ކަމަށެވެ.

މެމްބަރުންގެ އަމިއްލަ ހުށަހެޅުންތަކަށް ވެސް މެޖޯރިޓީ ނުލިބުމުގެ ސަބަބުން، މޭގެ އެއްބަސްވުމަށް ތާއީދު ކުރުމުގެ ވަގުތު ޖެހިއްޖެކަމަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ދަނީ ގޮވާލަމުންނެވެ.

އޭޕްރީލް 12 އަށް ވުރެ އިތުރަށް ބްރެކްސިޓް ފަސްކުރަނީ ނަމަ، އަންނަ ޔޫރަޕިއަން ޕާލިމަންޓް އިންތިހާބުގައި އިނގިރޭސިވިލާތުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އީޔޫން އިތުރަށް ބުނެފައިވެ އެވެ.