ލައިފްސްޓައިލް

ޕްރީސްކޫލަށް ދާން ދަރިފުޅު ތައްޔާރުކުރޭ

ކޮންމެ ކުއްޖެއްވެސް ތައުލީމީ ހަޔާތް ފަށާނީ ޕްރީސްކޫލުންނެވެ. މިއީ އެއް ވަރެއްގެ ކުދިންނާ ދިމާވެ އެކުގައި އެއް ތަނެއްގައި ތިބެ ދުވާލަކު ދެތިން ގަޑި އިރު ހޭދަ ކުރާނެ ފުރަތަމަ އަހަރުތަކެވެ. ޕްރީސްކޫލަށް ފޮނުވުމަށް ކޮންމެ ބެލެނިވެރިއެއްވެސް އެންމެ ރަނގަޅު އެންމެ މޮޅު ޕްރީސްކޫލް އިހްތިޔާރުކޮށް ތައްޔާރީތައް ވަމުންދާއިރު ބެލެނިވެރިން ވިސްނާލަންވީ އެހެން ކަމެއްވެސް އެބަ އޮތެވެ. ކުއްޖާގެ ހަޔާތުގައި އަންނަ އެންމެ ބޮޑު އެއް ބަދަލަށް ތައްޔާރު ވާން އެބަ ޖެހެ އެވެ.

މިނިވަންކަމާއެކު އަމިއްލައަށް އުޅެން ދަސްކޮށްދީ

ސްކޫލަށް ފޮނުވުމަށްފަހު ބެލެނިވެރިޔާ އެންމެ ކަންބޮޑުވާ ކަމަކީ އެ ކުއްޖާ އަށް ބޭނުންވާ ކަންކަން ޖެހިލުމެއް ނެތި ކުރެވޭނެ ކަމާމެދު އެވެ. ޓީޗަރަކާއެކު ކްލާސްރޫމްއެއްގައި އެވަރުގެ އެހެން ކުދިންނާއެކު ދަރިފުޅު ބަހައްޓާފައި އައުމުން ކުރެވޭ އިހުސާސް މުޅިން ތަފާތު ވާނެ އެވެ. އެ ކުއްޖާއަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އެހީވުމަށް ކައިރީގައި ހުންނަށް ބޭނުން ވިޔަސް މިއީ އެ ކުއްޖާއަށް އަމިއްލަ އަށް ކަންކަން ދަސްކުރުމަށް ލިބޭ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނީ ކުރީބައިގައި ބައެއް ކަންކަމަށް ބިންގާ އަޅައިދިނީމަ އެވެ. އަމިއްލަ އަށް އަތް ދޮވުމާއި، ނޭފަތް ފޮޅުން، ދަބަސް ޕެކް ކުރުން، ލަންޗް ބޮކްސް އަމިއްލަ އަށް ހުޅުވުން އަދި ކެއްސާ ކިނބިހި އަޅާ އިރު އަނގަމަތީ އަތް އެޅުން ފަދަ ކުދި ކުދި ކަންކަމުން އެކުއްޖާއަށް މިނިވަންކަމާއެކު އުޅުމަށް އެހީވެވޭނެ އެވެ.

ޕޮޓީ ޓްރެއިން ކުރުން

މިއީ ބެލެނިވެރިންނަށް ކުޑައިރުން ފަށައިގެން ދަސްކޮށްދީފި ކަމުގައި ވާނަމަ އަހަރުތަކެއް ނެގިއަސް ކުރެވިދާނެ ކަމެކެވެ. ކޮންމެ ކުއްޖަކީ އަވަހަށް ދަސް ކުރާނެ ކުއްޖެއް ނޫން ކަމުގައި ވިޔަސް، ގިނަ ދުވަހުން ވެސް މިކަން ދަސްކޮށްދިނުމަކީ މުހިއްމު ކަމެކެވެ. ގޭގައި ފަރިތަ ކުރުމަކީ މިކަމަށް އެންމެ އެހީވެދޭނެ ކަމެވެ. ޕޮޓީ ޓްރެއިން ކުރުމުގެ ޒަމާނީ އުކުޅުތައްވެސް މިހާރު ހުރެ އެވެ. އެއިން ކަމެއްގެ އަޖުމަވެސް ބަލާލެވިދާނެ އެވެ.

ތަރުތީބު ކުރަން ދަސްކޮށްދަީ

ޕްރީސްކޫލަކީ ބެލެނިވެރިޔާ އާ ނުލައި ކުއްޖާގެ ފުރަތަމަ ދުވަސްތައް ހޭދަ ކުރާ ތަނެވެ. ދަރިފުޅު ކިޔެވުމަށް ބޭނުން ކުރާ ސާމާނާއި ކުޅެން ގެންގުޅޭ އެއްޗެހި ރީތިކޮށް ތަރުތީބު ކުރަން ދަސްކޮށްދިނުމުން ކުރިމަގުގައި ބެލެނިވެރިޔާ އަށް އަދި ބޮޑުވަމުންދާއިރު އެ ކުއްޖާއަށް ފައިދާ ކުރާނެ އެވެ. ގޭތެރޭގައި ކުއްޖާ ގެންގުޅޭ ތަކެތި ތަރުތީބު ކުރުމުގައި ބެލެނިވެރިޔާ އާއެކު ބައިވެރި ކުރާށެވެ. އަދި ކުއްޖާ ކުރާ ކުދި ކަންކަމަށް ތަރުހީބު ދިނުމުން މިކަން ކުރުމަށް ފަސޭހަ ވާނެ އެވެ.

އެހެންކުދިންނާ ގުޅިގެން އުޅެން ދަސްކޮށްދީ

މިއީ ޕްރީސްކޫލަށް ދިއުމުގެ އެންމެ މުހިއްމު އެއް ކަމެވެ. ޕްރީސްކޫލަށް ކުއްޖާ ގެންދިއުމަށް ތައްޔާރު ވަމުންދާއިރު އެ ކުއްޖާއަކީ އެހެން ކުދިންނާ ގުޅިގެން އުޅޭނެ ކުއްޖަކަށް ހެދޭތޯ މަސައްކަތް ކުރުން މުހިއްމެވެ. އެހެންކުދިންނާ ވާހަކަ ދައްކާ ގެންގުޅޭ އެއްޗެހި ހިއްސާ ކުރަން ދަސްކޮށްދިނުންވެސް މުހިއްމެވެ. ކްލާހުގައި ތިބޭ އެހެން ކުދިންނާ ވާހަކަ ދެއްކުމާއި އެކުވެރިކަން ދެމެހެއްޓުމުގެ މުހިއްމުކަން ބުނެދިނުމަކީ މިއީ އެއް އުމުރެއްގެ ގިނަ ކުދިންނާއެކު ހޭދަ ކުރާ ފުރަތަމަ ދުވަސްތައް ކަމަށް ވުމުންނެވެ. ސަލާމް ކުރުމާއި ކަންކަމުގައި ޝުކުރު އަދާ ކުރުން ފަދަ ރަނގަޅު އާދަތައް ކުރީބައިގައި ދަސްކޮށްދީފައި ހުރުމުން ފަސޭހަ ވާނެ އެވެ.

މިފަދަ ކަންކަމުން ފަސޭހަތަކެއް ކުރިމަގުގައި ވިޔަސް އެކި ކުދިންނަކީ އެކި މިޒާޖުގެ ކުދިންކަން ހަނދާން ބެހެއްޓުން މުހިއްމެވެ. ކޮންމެ ކުއްޖަކީ ފަސޭހައިން ކަންކަން ދަސްކުރުމުގެ ގާބިލުކަން ލިބިފައި ހުރި ކުއްޖަކަށް ނުވެދާނެ އެވެ. ނަމަވެސް، ވަގުތު ނަގައިގެން މި ކަންކަން ދަސްކޮށްދިނުމަކީ މުހިއްމު ކަމެކެވެ.