ވިޔަފާރި

ދެ އަހަރުތެރޭ ރާއްޖޭގެ ދަރަނި ރެކޯޑު މައްޗަށް!

ވޭތުވެދިޔަ ދެ އަހަރު ތެރޭ ރާއްޖޭގެ ދަރަނި ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި
އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހުގެ ދައުލަތުގެ ދަރަނީގެ ރިޕޯޓުގައިވާ ގޮތުން 2016 އިން 2018 އަަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 18.2 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. އަދި މި މުއްދަތުގައި ބޭރު ދަރަނި ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނިވަނީ 27 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މި މުއްދަތުގައި ވަނީ ސަރުކާރުން ވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކެއް މެދުވެރިކޮށް ލޯނު ނަގައި، ލޯނުގެ ގެރެންޓީ ދީފައެވެ.މި މުއްދަތުގައި ސަރުކާރުން ގެރެންޓީ ދިން މިންވަރު ވަނީ 267 ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކަށް 1.1 ބިލިއަން ރުފިޔާގެ ލޯނު ގެރެންޓީ ދީފައިވެ އެވެ. އަދި ސަރުކާރުން ކުންފުނިތަކަށް 2.2 ބިލިއަން ރުފިޔާގެ ލޯނު ދީފައިވެ އެވެ. އެންމެ ގިނައިން ލޯނު ދީފައިވަނީ އެމްއޭސީއެލް އާއި ފެނަކަ އަދި އެޗްޑީސީ އަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ނިމުމުއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 72 ޕަސެންޓުގަ އެވެ. މިއީ 2017 އަދި 2016 ވަނަ އަހަރާ އަޅާ ބަލާނަމަ 11 ޕަސެންޓުގެ އިތުރުވުމެކެވެ. އެ މުއްދަތުގައި ރާއްޖޭގައި ދަރަނީގެ ނިސްބަތް ހުރީ 61 ޕަސެންޓުގަ އެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ދެ އަހަރު ރާއްޖޭން އެންމެ ގިނައިން ލޯނު ނަގާފައިވަނީ ޗައިނާ އެގްޒިމް ބޭންކް އާއި ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އެވެ.

ރާއްޖޭގެ ދަރަނި ދެ އަހަރު ތެރޭގައި ބޮޑުތަން މަތިވެގެން ދިޔައިރު ދަރަނި ދެއްކުމަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސެންޓުގެ އިތުރުވުމެކެވެ.