ދުނިޔެ

މޯދީ ބަލިކުރަން ވަޒީފާތައް އިތުރުކޮށްދޭން އިދިކޮޅުން ވައުދުވެއްޖެ

Apr 3, 2019

ނިއު ދިއްލީ (އޭޕްރީލް 3) - އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބު ކާމިއްޔާބު ވެއްޖެނަމަ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދޭނެކަމުގެ ވައުދުތަކާއެކު، މައި އިދިކޮޅު ކޮންގްރެސް ޕާޓީގެ މެނިފެސްޓޯ ލޯންޗުކޮށްފި އެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ރަސްމީކޮށް ލޯންޗުކޮށްދެއްވި މެނިފެސްޓޯގައި، ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމާއި އަންހެނުން ބާރުވެރިކުރުމަށް ގިނަ ވައުދުތަކެއް ވަނީ ހިމަނައިފަ އެވެ.

"މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަޒީފާ ނެތުމާއި، ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް. އިންޑިއާގެ އިގުތިސޯދު މިވަނީ ހުއްޓުމަކަށް އައިސްފައި. އިގުތިސޯދު އަލުން ހިނގައިގަންނަންޖެހޭކަމީ އެންމެނަށްވެސް އިއްތިފާގުވެވޭނެ ކަމެއް،" މެނިފެސްޓޯ ލޯންޗުކުރައްވަމުން ރާހުލް ވިދާޅުވި އެވެ.

އިންތިހާބާއި ދިމާކޮށް އެކި ފަރާތްތަކުން ކުރިއަށް ގެންދިޔަ އޮޕީނިއަން ޕޯލްތަކުގައި، ރައްޔިތުންގެ މަގުބޫލުކަން އަދިވެސް ބޮޑީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ އަށެވެ.

މި އާންމު އިންތިހާބު ވެގެންދާނީ މޯދީއަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ. އިދިކޮޅު އިއްތިހާދުން ވެސް މުޅި އިންތިހާބު އަމާޒުކޮށްފައިވަނީ މޯދީގެ ނާކާމިޔާބީގެ މައްޗަށެވެ.

ވަޒީފާ މަދުވުމާއި، އިގުތިސޯދު ހީނަރަވަމުން އައުމުގެ ސަބަބުން، ބީޖޭޕީއަށް އޮންނަ ތާއީދު ނޭދެވޭ އަސަރުކޮށްފައިކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ"އަށް މެމްބަރުން އިންތިހާބު ކުރާނީ މި މަހުގެ 19 އިން މެއި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ދިގުދެމިގެންދާ އިންތިހާބުގަ އެވެ. ވޯޓު ގުނުން އޮންނާނީ މެއި 23 ވަނަ ދުވަހެވެ.

އިންޑިއާގެ 900 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ގާތްގަނޑަކަށް އެއް މިލިއަން ވޯޓު ފޮށި އިންޑިއާގެ އެކި ސަރަހައްދުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި އެވެ. މިއީ މުޅި ދުނިޔޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިހާބެވެ.