ދުނިޔެ

ބްރެކްސިޓް: އީޔޫން ވަކިވާ ތާރީހު އިތުރަށް ފަސްކުރަން ފާސްކޮށްފި

Apr 4, 2019

ލަންޑަން (އޭޕްރީލް 4) - އެއްބަސްވުމެއްނެތި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިނުވާނެކަން ކަށަވަރުކުރުމަށްޓަކައި، އީޔޫގެ މެމްބަރުކަމުން ވަކިވާ ތާރީހު އިތުރަށް ފަސްކުރަން އެގައުމުގެ ޕާލިމަންޓުން ފާސްކޮށްފި އެވެ.

އިއްޔެ ޕާލިމަންޓުގެ ތިރިގެއަށް ހުށަހެޅުނު ބިލް ފާސްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނަމަވެސް، އެ ބިލު ގާނޫނަކަށްވާނީ ލޯޑްސް އިން ފާސްވުމުންނެވެ. އަދި ވަކިވާ ތާރީހު އިތުރަށް ފަސްކުރަން އީޔޫއިން އެއްބަސްވެއްޖެނަމަ އެވެ.

އީޔޫން ވަކިވުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އިތުރު އީޔޫން މިހާރުވެސް ވަނީ އިތުރުކޮށްދީފަ އެވެ. ނަމަވެސް، އިއްޔެ ކުއްލިގޮތަކަށް ފާސްކުރެވުނު ބިލުގައިވާ ގޮތުން، އެއްބަސްވުމެއްނެތި އީޔޫން ވަކިވުން ހުއްޓުވުމަށް، އެ ތާރީހު އިތުރަށް ފަސްކުރަން އީޔޫގައި އެދުމަށެވެ.

އެ ބިލު ފާސްކޮށްފައިވަނީ، މޭ ހުށަހެޅުއްވި އެއްބަސްވުމުގައި ހުރި ބޮޑެތި ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް އިދިކޮޅު ލީޑަރު ޖެރެމީ ކޯބިންއާއެކު މަޝްވަރާތައް ފައްޓަވާފައި ވަނި ކޮށެވެ. އެ ބިލު ފާސްކުރިއަސް، ވަގުތު ކުޑަތަންވެފައިވާތީ، އީޔޫން ވަކިވާ ތާރީހު އިތުރަށް ފަސްކުރަން އީޔޫއާއެކު މަޝްވަރާކުރަން ވަރަށް ދަތިވާނެކަމަށް އިނގިރޭސި ސަރުކާރުން ވަނީ ބުނެފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމަށް ޔޫކޭ ޕާލަމަންޓުން ތިން ބުރަށް ނޫނެކޭ ބުނެފައިވާއިރު، އެ އެއްބަސްވުމަށް މެމްބަރުން އަމިއްލައަށް ހުށަހެޅި އިސްލާހުތަކަށް ވެސް މެޖޯރިޓީ ވަނީ ނުލިބިފަ އެވެ.

އޭޕްރީލް 12 އަށް ވުރެ އިތުރަށް ބްރެކްސިޓް ފަސްކުރަނީ ނަމަ، އަންނަ ޔޫރަޕިއަން ޕާލިމަންޓް އިންތިހާބުގައި އިނގިރޭސިވިލާތުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އީޔޫން ވަނީ ބުނެފައިވެ އެވެ.