ހަބަރު

މަދުން ވިޔަސް ވޯޓަށް ނުފޫޒު ފޯރުވާ: އެޗްއާރްސީއެމް

Apr 5, 2019

މިނިވަންކަމާއެކު އެ މީހަކު ބޭނުންވާ ކަންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގަށް ނުފޫޒު ފޯރުވުމުގެ ކަންކަން މަދުން ނަމަވެސް ހިނގާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކޮންމެ ހަފްތާއަކު އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށް، ފާހަގަވާ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކާ ކަމާގުޅޭ އެންމެހާ އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރި ކަމަށާއި އެކަމަށް އެކަށީގެންވާ ވަރަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. ނަމަވެސް މިނިވަންކަމާއެކު އެމީހަކު ބޭނުން ކެނޑިޑޭޓަކަށް ވޯޓުލުމުގެ ހއްގަށް ހުރަސްއެޅޭފަދަ ގޮތަކަށް ނާޖާއިޒު ނުފޫޒު ފޯރުވަން މަދުން ނަމަވެސް މަސައްކަތް ކުރާ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

އެހެންކަމުން އެންމެހާ ނުފޫޒުތަކުން މިނިވަންވެ ތިބެ، އެމީހަކު އިހުތިޔާރު ކުރާ ކެނޑިޑޭޓަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރިހަމަ އިހުތިޔާރު ލިބިފައިވާ އިންތިހާބަކަށް ހެދުމަށާއި ގައުމީ މަސްލަހަތު އިސްކޮށް އަމާން އޮމާން ވެއްޓެއްގައި ބޭއްވޭ އިންތިހާބު ހެދުމަށް އިތުރަށް މަސައްކަތްކުރުމަށް ކަމާގުޅޭ އެންމެހާ މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންނަށް އިލްތިމާސްކުރާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ ތިން މަރުހަލާއަކަށް ބަހާލައިގެން އެ ކޮމިޝަނުން އިންތިހާބު އޮބްޒާވް ކުރާނެ ކަމަށެވެ. އެގޮތުން އިންތިހާބު އޮންނަ ދުވަހުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމާއި، އިންތިހާބު ބާއްވާ ދުވަހާައި އިންތިހާބުގެ ފަހުން ހިނގާ ކަންކަން ވެސް އޮބްޒާވްކުރާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.