ދުނިޔެ

ފާޑިކިޔުން ބޮޑުވެ ބުރޫނާއީގެ ހޮޓާތައް ސޯޝަލް މީޑިއާ އިން ނަގައިފި

Apr 6, 2019
7

ބުރޫނާއިގައި އިސްލާމީ ޝަރީއަތުގައި ހިމެނޭ އަދަބުތައް ތަންފީޒު ކުރަން ނިންމުމާއި ގުޅިގެން، އެކަމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން، އެ ގައުމުގެ ސަރުކާރު ހިއްސާވާ ބޮޑެތި ހޮޓާތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ޑިލީޓުކޮށްފި އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އަމަލު ކުރަން ފެށި އާ ގާނޫނުލް އުގޫބާތުގެ ދަށުން، އިސްލާމީ ޝަރީއަތުގައި ހިމެނޭ އެންމެ ހަރުކަށި އަދަބުތައް ދޭން ނިންމުމުން، ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން، އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ ރަޖަމު ކުރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް، އިސްލާމީ ޝަރީއަތުގެ ދަށުން، އެ އަދަބު ދެވޭނީ، ކުށަށް އިއުތިރާފުވުމުގެ އިތުރުން، އަމަލު ހިންގަނިކޮށް ފެންނަ ހަތަރު މީހުންގެ ހެކިބަހުންނެވެ. އެ ގައުމުގައި ދިރިއުޅޭ 420،000 އާބާދީގެ ތިންބައިކުޅަ ދެބައަކީ މުސްލިމުންނެވެ.

ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ އިތުރުން، އެބޯޝަން ހަދާ އަންހެނުންނަށް ހައްދު ޖެހުމުގެ އަދަބުވެސް ވަނީ ހިމަނާފައި އެވެ. އާ ގާނޫނުލް އުގޫބާތުގައި މަރުގެ އަދަބުވެސް ހިމަނާފައިވީ ނަމަވެސް، އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1957 ވަނަ އަހަރެވެ.

ބުރޫނާއީ ސުލްތާނުގެ އެ ނިންމެވުމާއެކު، ބުރޫނާއީ އިންވެސްޓްމަންޓް އޭޖެންސީގެ ދަށުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ މަތީ ފެންވަރުގެ ހޮޓާތައް ބޯއިކޮޓް ކުރުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

އެކަމާއި ގުޅިގެން، އެމެރިކާ، ޔޫކޭ، ފްރާންސް އަދި އިޓަލީގައި (ބީއައިއޭ) އިން ހިންގާ މަޝްހޫރު ބްރޭންޑްތަކުގެ މަތީ ފެންވަރުގެ ހޮޓާތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވަނީ ޑިލީޓުކޮށްފަ އެވެ.

ބުރޫނާއީ ސަރުކާރަށް ފާޑުކިޔުން އިތުރުވެ، ބުރޫނާއީ ދަތުރުތައް ހުއްޓާލަން ބައެއް އެއާލައިންތަކުން ނިންމާފައިވާއިރު، ޓްރިޕް އެޑްވައިސާ އިން ވެސް ވަނީ ބުރޫނާއީގެ ހޮޓާތަކުގެ ރިވިއުތައް އެ ކުންފުނީގެ ސައިޓުން ނަގައިފަ އެވެ.

ބުރޫނާއީ ސަރުކާރުން ހިންގާ ހޮޓާތައް ބޯއިކޮޓް ކުރުމަށް ފިލްމީ ތަރި ޖޯޖު ކްލޫނީގެ އިތުރުން އެލަން ޑިޖެނަރެސް ވެސް ވަނީ އޭނާގެ މަގުބޫލު ޝޯގައިވެސް ގޮވާލައިފަ އެވެ.

އެ ނިންމުން ބަދަލުކުރުމަށް އދ.ގެ އިތުރުން ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާތަކުންވެސް ބުރޫނާއި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.