ބޭރު ކުޅިވަރު

ކުރީގެ ކޯޗާ ގުޅެން ސްވެންސްޓައިގާ މެންޗެސްޓާ ޔުނައިޓެޑަށް

Jul 11, 2015

ކުރީގެ ކޯޗު ލުއިސް ވެންހާލްއާ އެކު މަސައްކަތް ކުރުމަށް ޖަރުމަނުގެ ބަޔާން މިއުނިކްގެ މިޑްފީލްޑަރު ބަސްޓިއަން ސްވެން ސްޓައިގާ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމައިފި އެވެ.

ޖަރުމަނުގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ވެސް ކުރަމުން އަންނަ ސްވެންސްޓައިގާ ކުލަބު ދޫކޮށްލަން ނިންމީ އަހަރަކު 7.2 މިލިއަން ޕައުންޑްގެ މުސާރައަކަށް ތިން އަހަރު ދުވަހަށެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އޭނާގެ އުމުރުން 17 އަހަރުން ފެށިގެން ކުޅެމުން އައި ކުލަބު ބަދަލު ކުރަން މިނިންމީ އޭނާއަކީ ބަޔާން އަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން އެ ޓީމުގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގޭ ފޯނުން ވާހަކަ ދައްކައި އޮޅުންފިލުވައިދީފައިވަނިކޮށެވެ.

ސްވެންސްޓައިގާ ބަޔާން ދޫކޮށްލަން ނިންމި އެންމެ މުހިންމު އެއް ސަބަބަކީ އޭނާ އަށް ޓީމުގައި ކުޅެން ލިބޭ ފުރުސަތުތައް މަދުވުމުންނެވެ. ބަޔާންގެ ކޯޗު ސްޕޭނުގެ ޕެޕް ގާޑިއޯލާ އޭނާ އަށްވުރެ ބޮޑަށް އިސްކަންދެނީ ސްޕޭނުގެ ޒުވާން މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ އަށެވެ.

ސްވެންސްޓައިގާ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލާ އަގު އަދި މުޅިން ފައިނަލް ނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ވިއްކާލަން ބަޔާނުން 12 މިލިއަން ޕައުންޑަށް ޑިމާންޑްކުރާނެ އެވެ. ނަމަވެސް ކުޅުންތެރިޔާގެ އުމުރުން 30 އަހަރުވެފައިވުމާއި އޭނާގެ މިހާރުގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތުމުން މި އަގު ކުޑަކުރަން ޔުނައިޓެޑުން ބާރުއަޅާނެ ކަމަށްވެ އެވެ. އަގާ މެދު އެއްބަސްވުމަކަށް އާދެވިފައިނުވި ނަމަވެސް މެންޗެސްޓާގެ މެޑިކަލް ހެދުމަށް ކުޅުންތެރިޔާ މިއަދު އިނގިރޭސިވިލާތަށް ދާނެ އެވެ.