އޭއެފްސީ

އޭއެފްސީގެ ރައީސް ކަމަށް ސަލްމާން އިންތިހާބުކޮށްފި

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީގެ ރައީސް ކަމަށް މިހާރުގެ ވެސް ރައީސް ބަހްރެއިންގެ ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ އަނެއްކާ ވެސް އިންތިހާބު ކޮށްފި އެވެ.

މެލޭޝިއާގެ ވެރިރަށް ކްއާލަލަމްޕޫރުގައި، މިހާރު ކުރިއަށްދާ އޭއެފްސީގެ ކޮންގްރެސްއަށް ގައުމުތަކުގެ މަންދޫބުން ހާޒިރުވި އިރުވެސް، ޝައިހް ސަލްމާނަށް އޮތީ ގާތްގަނޑަކަށް މަގާމު ކަށަވަރު ވެފަ އެވެ. އެއީ އިންތިހާބުގައި ސަލްމާނާ ވާދަ ކުރެއްވުމަށް ކުރިމަތިލެއްވި ދެ ކެނޑިޑޭޓުން ނަން ގެންދިއުމުންމުންނެވެ.

ނަން ނެންގެވީ، އަރަބި އެމިރޭޓްސްގެ މުހައްމަދު ޚަލްފާން އަލް ރުމައިޘީ އާއި ގަތަރުގެ ސައުދު އަލް މުހަންދީ އެވެ. އަލް ރުމައިޘީ ކުރިން ނަން ނެންގެވި އެވެ. އަލް މުހަންދީ ނަން ނެންގެވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

މިއަދުގެ ކޮންގްރެސްއަށް ސަލްމާން ހާޒިރު ނުވެ އެވެ. އެއީ ކުއްލިގޮތަކަށް އޭނާގެ މަންމަ އަވަހާރަވުމުންނެވެ. އެހެންނަމަވެސް، ސަލްމާން ވަނީ ކޮންގްރެސްގެ ބައިވެރިންނަށް އޭނާގެ މެސެޖު ފޮނުއްވާފަ އެވެ.

އޭއެފްސީގެ މިހާރުގެ އެކްސްކޯ މެންބަރު އިންޑިއާގެ ޕްރަފުލް ޕަޓޭލް، މެދުވެރިކޮށް ސަލްމާން ވިދާޅުވީ، ފުނިޔޭގެ ފުޓްބޯޅައިގެ މައި މަރުކަޒަކަށް، އޭޝިއާ ހެދުމަށް ފީފާއިން ކުރާ މަސައްކަތުގައި، އޭއެފްސީން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ޢޭއެފްސީގެ ރައީސް ކަމުގެ މަގާމާއެކު، ފީފާގެ ނައިބު ރައީސްއެއްގެ ގޮތުގައިވެސް، ސަލްމާން ހުންނަވާނެ އެވެ. އޭއެފްސީގެ ރައީސް ކަމަށް އޭނާ އެންމެ ފުރަތަމަ ވަޑައިގެންނެވީ، 2013 ވަނަ އަހަރު އެވެ. އެއީ އޭރު އޭއެފްސީގެ ރައީސް ކަމުގައި ހުންނެވި ގަތަރުގެ މުހައްމަދު ބިން ހަމްމާމްގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތު ތަކާއެކު އޭނާ އުމުރު ދުވަހަށް ސަސްޕެންޑް ކުރުމުން، އޭއެފްސީގެ ރައީސް ކަމުގެ މަގާމު ހުސްވުމުންނެވެ.

އެއަށްފަހު އިންތިހާބަކާ އެކު އޭނާ، އޭއެފްސީގެ ރައީސް ކަމަށް ވަޑައިގެންނެވީ، 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފެންޓިނޯއާ ވާދަކޮށް ބަލިވެފަ އެވެ.