ބޭރު ކުޅިވަރު

މެސީ އަށް އޭނާގެ ކާފަ ފާޑުކިޔައިފި

Jul 11, 2015

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް އޭނާގެ ކާފް ފާޑުކިޔައިފި އެވެ.

ބާސެލޯނާގެ ފޯވަޑާ ބެހޭ ގޮތުން އޭނާގެ ކާފަ އެންޓޯނިއޯ ކުކިޓީނީ ބުނީ މިދިޔަ ހަފުތާގައި ނިމުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެސީ ފެނުނީ ވަރަށް ކަންނެތްކޮށް ކަމަށެވެ.

"އޭނާގެ (ހަށިގަނޑުގެ) ބައެއް އެތަނުގައި (ދަނޑުމަތީގައި) ހުރި. އެންމެ ފަހު ތިން މެޗުގައި އޭނާގެ ކުޅުން ގޯސް. އޭނާ މާބޮޑަށް ކަންނެތްކޮށް އުޅުނީ،" އެންޓޯނިއޯ ބުންޏެވެ.

ކޮޕާ އެމެރިކާ އަކީ މިދިޔަ ދެ އަހަރުތެރޭގައި ގައުމީ ޖާޒީގައި މެސީގެ ހިތްހަލާކުވި ދެ ވަނަ ފަހަރެވެ. މި ފަހަރުގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުން މެޗުގެ އިތުރުވަގުތުގަ އެވެ.

ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ގަބޫލު ކުރި ނަމަވެސް މެސީ ވަނީ ކޮޕާ އެމެރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ގަބޫލުނުކޮށްފަ އެވެ.

ނަމަވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ކުޅުންތެރިޔާ ބާސެލޯނާގައި ދައްކާ މޮޅު ކުޅުން ގައުމީ ޓީމުގައި ނުދެއްކޭތީވެ ކާފަގެ އިތުރުން އަމިއްލަ ގައުމުގައި ވެސް ވަނީ އޭނާ އަށް ފާޑުކިއުން އަމާޒުވެފަ އެވެ. ބައެއް މީހުން ވަނީ މެސީ ގައުމީ ޓީމުން ބޭރުކުރުމަށް ވެސް ގޮވާލައިފަ އެވެ.