ބޭރު ކުޅިވަރު

ލިވަޕޫލްގެ ކެޕްޓަންކަން ހެންޑަސަން އަށް

 

ލިވަޕޫލްގެ ކެޕްޓަންކަން މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އަށް ދީފި އެވެ.

ހުސްވި އަހަރުން ފެށިގެން ވައިސް ކެޕްޓަންގެ މަގާމުގައި ހުރި ހެންޑަސަން އަށް ކެޕްޓަންކަން މިދިނީ ފާއިތުވެދިޔަ 12 އަހަރު ކެޕްޓަންކަން ކުރި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ކުލަބު ދޫކޮށްލުމުންނެވެ.

ހެންޑަސަން އަކީ މީގެ ތިން އަހަރު ކުރިން ސަންޑަލޭންޑުން ލިވަޕޫލަށް ގެނައި ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޖެރާޑް އަނިޔާ އާއި ސަސްޕެންޝަނުގައި ހުރި މެޗުތަކުގައި ކެޕްޓަނުގެ ޒިންމާ ވެސް އުފުލައިފަ އެވެ.

ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ހެންޑަސަން އަކީ ކުޅުންތެރިއެއްގެ ގޮތުންނާއި އަމިއްލަ ފަރުދެއްގެ ގޮތުން އާތަޖުރިބާތަކާއި ގޮންޖެހުންތަކަށް ކުރިމަތިލާން ތައްޔާރުވެފައިވާ ކުޅުންތެރިއެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހުސްވި ޖެނުއަރީ މަހު ޖެރާޑް އެމެރިލކާގެ އެލްއޭ ގެލެކްސީ އަށް ބަދަލުވާކަން އިއުލާނުކުރުމުން އެވަގުތު ހެންޑަސަން ކުލަބުގެ ކެޕްޓަނަކަށް ހަމަޖައްސަން ކޯޗު ބޭނުންވި އެވެ. ނަމަވެސް މެނޭޖްމަންޓުން އެކަން ހުއްޓުވީ ޖެރާޑަކީ ލިވަޕޫލްނޫން ކުލަބަކަށް ކުޅެފައިނުވާ ކުޅުންތެރިއަކަށްވުމާ ވެސް އެކުގަ އެވެ.

ޖެރާޑް ވެސް ބުނީ އޭނާ އަށް ފަހު ކެޕްޓަންކަން ކުރަން އެންމެ އެކަށީހެންވާ މީހަކީ ހެންޑަސަން ކަމަށެވެ.

"މިއީ ވަރަށް ފަހު ޝަރަފެއް. އަދި މިއީ ވަރަށް ބޮޑު ޒިންމާއެއް. އަހަރެން ބަލާނީ ކެޕްޓަންކަމުގައި ރަނގަޅު ޒިންމާތަކެއް ނަގައި ކާމިޔާބު ހޯދަން،" ހެންޑަސަން ބުންޏެވެ.