ބޭރު ކުޅިވަރު

އެމެރިކާ މުވައްޒަފުންގެ މައުލޫމާތު ހެކްކުރި މައްސަލަ ބޮޑުވެ، ހެކްކުރި އޮފީހުގެ ވެރިޔާ އިސްތިއުފާ ދީފި

Jul 11, 2015

އެމެރިކާގެ އެތައް މިލިއަން ސަރުކާރު މުވައްޒިފުންގެ މައުލޫމާތު ހެކަރުން ވަގަށް ނެގި މައްސަލަ ހީކުރި ވަރަށް ވުރެ ސީރިއަސްވެ، އެކަން ހިނގި އޮފީހުގެ ވެރިޔާ އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

އޮފީސް އޮފް ޕާސަނެލް މެނޭޖްމަންޓް (އޯޕީއެމް)ގެ ވެރިޔާ ކެތަރިން އާކިއުލޭޓާ ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެ މައްސަލައިގެ ސަބަބުން އެ އޮފީހަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުން އަރައިގަތުމަށް އެހީތެރިވެ ދެއްވުމުގެ ގޮތުންނެވެ. އޭނާ އިސްތިފާ ދެއްވާފައި މިވަނީ އެކަމަށް ކޮންގްރެސްގެ މެމްބަރުން ގޮވާލައްވަމުން ގެންދަވަނިކޮށެވެ.

އޯޕީއެމްގެ ވެރިޔާ އިސްތިއުފާ ދެއްވީ، އެ އޮފީހުގެ ސާވާތަކުން ހެކަރުން ވަގަށް ނެގި މައުލޫމާތު ކުރިން ހާމަކުރި ވަރަށް ވުރެ އެތައް ގުނައެއް އިތުރު ކަމަށް އެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނިކޮށެވެ. އެ ގޮތުން، އޯޕީއެމް އިން ބުނީ ހެކަރުން ވަގަށް ނެގީ ހަތަރު މިލިއަނެއްހާ މުވައްޒަފުންގެ މައުލޫމާތު ކަމަށް ކުރިން ހީކުރެވިފައި ވިޔަސް، އެ އަދަދު 20 މިލިއަނަށް އަރާ ކަމަށެވެ.

އޯޕީއެމްގެ ސާވާތަކުގައި ރައްކާކޮށްފައި ހުރި ކުރި އާއި މިހާރުގެ ސަރުކާރު މުވައްޒިފުންގެ މައުލޫމާތު ވަގަށް ނެގީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ތެރޭގައި މައި ސަރުކާރުގެ ގާތްގަނޑަކަށް ހުރިހާ އިދާރާއެއްގެ މުވައްޒިފުންގެ މައުލޫމާތު ހިމެެނެ އެވެ.

މިފަދަ ހަމަލާއެއް މިދިޔަ ނޮވެމްބަރު މަހު ވެސް ދީފައިވެ އެވެ. އެ ހަމަލާގައި، އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައި އިދާރާ، ހޯމްލޭންޑް ސެކިއުރިޓީގެ 25،000 މުވައްޒިފުންނާއި އެ ނޫން ވެސް ސަރުކާރުގެ އިދާރާތަކުގެ އެތައް ހާސް މުވައްޒިފުންގެ މައުލޫމާތު، ހެކަރުން ވަގަށް ނަގައި އާއްމުކުރި އެވެ.