ހަބަރު

ނަޝީދުގެ މައްޗަށް އެމްޑީޕީގެ ކެންޑިޑޭޓް ކުރި ހޯދައިފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުމުގައި ގާނޫނީ ވަކީލް މުހައްމަދު ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.

ނަޝީދު ވަނީ ދެ ދައުރު ކުޅުދުއްފުށީ ދެކުނު ދާއިރާ ތަމްސީލް ކުރައްވާފަ އެވެ. އޭނާ މިފަހަރު އިންތިހާބަށް ނުކުމެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ.

އޭނާއާ ވާދަކޮށް މިފަހަރު ކާމިޔާބު ހޯދާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޖަމްޝީދު މުހައްމަދެވެ. އޭނާއަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ބޭފުޅެކެވެ. މީގެކުރިން ކައުންސިލަރުކަން ކުރެއްވި އެވެ.

އެމްޑީޕީގެ ސިޔާސީ ހަރާކާތްތަކުގައި ކުޅުދުއްފުށީގައި އިސްކޮށް އުޅުއްވާ ޖަމްޝީދު ގޮނޑި ކާމިޔާބު ކުރެއްވީ ހަތް ކެންޑިޑޭޓުންނާ ވާދަކޮށެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑީގެ އިތުރުން އުތުރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ. އެއީ ޔާސިރު ލަތީފެވެ. ސިޔާސީ ދާއިރާއަށް އަލަށް ނުކުންނެވި ޔާސިރު ކާމިޔާބު ހޯދާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ނަސްރުﷲ އިސްމާއިލްއާ ވާދަކޮށެވެ.

މިއީ ކުޅުދުއްފުށީ ދާއިރާގެ ގޮނޑިތައް އެ ރަށަށް ނިސްބަތްވާ ބޭފުޅުން ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ.