ދުނިޔެ

އިންޑިއާއިން އިތުރު ހަމަލާއެއް ދޭން ރާވާކަމަށް ޕާކިސްތާން ތުހުމަތުކޮށްފި

Apr 8, 2019

އިސްލާމްއާބާދު (އޭޕްރީލް 8) - މިމަހުގެ ތެރޭގައި ޕާކިސްތާނަށް ހަމަލާއެއް ދޭން އަވަށްޓެރި އިންޑިއާއިން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފި އެވެ.

ޕާކިސްތާނުގެ ޖާސޫސީ އިދާރާތަކަށް އެކަމުގެ ސައްހަ މައުލޫމާތު ލިބިފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޝާހު މަހަމޫދު ގުރޭޝީ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި ދިން ހަމަލާއެއްގައި އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމާ ގުޅިގެން، ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގައި އޮންނަ ނުތަނަވަސްކަން ވަނީ އިތުރަށް ހޫނުވެފަ އެވެ.

އެކަމުގެ ރައްދުގައި އިންޑިއާގެ ވައިގެ ސިފައިން ވަނީ ޕާކިސްތާނު ސަރަހައްދަށް ވަދެ ހަނގުރާމަވެރި ޖަމާއަތަކާއި ދެކޮޅަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް، ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލައި، އެ ބޯޓުގެ ޕައިލެޓު ޕާކިސްތާނުން ހައްޔަރުކުރި އެވެ. އެހެނަސް އޭގެ ދެ ތިން ދުވަސް ފަހުން ޕާކިސްތާނުން ވަނީ އެ ޕައިލެޓް އިންޑިއާއާ ހަވާލުކޮށްފަ އެވެ.

ބޮޑުވަޒީރު އިމްރާން ޚާންގެ އެންގެވުމަށް އިންޑިއާގެ ޕައިލެޓު ދޫކޮށްލުމުން، ދެގައުމުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ވަނީ ލިބިފަ އެވެ.

ނަމަވެސް، އިންޑިއާ އިން އިތުރު ހަމަލާއެއްދޭން ރާވަމުންދާކަމަށް އިއްޔެ ގުރޭޝީ ވަނީ ވިދާޅުވެފަ އެވެ.

"މިމަހުގެ 16 އާ 20 ވަނަ ދުވަހުގެ ދެމެދު އިތުރު ހަމަލާއެއްދޭން އިންޑިއާ އިން ރާވަމުންދާކަމުގެ މައުލޫމާތު އަޅުގަނޑުމެންގެ ޖާސޫސީ އިދާރާތަކަށް ވަނީ ލިބިފައި،" ގުރޭޝީ ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެ މައްސަލާގައި ޕާކިސްތާނުގައި ހުންނަ އިންޑިއާ ސަފީރުވެސް ވަނީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

ނަމަވެސް، އެ ތުހުމަތު އިންޑިއާ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

"މިއީ ސީދާ ހަނގުރާމަވެރި ޖަމާއަތްތަކުން އިންޑިއާއަށް ހަމަލާދޭން ނުސީދާގޮތުން ހިތްވަރުދޭން ޕާކިސްތާނު ސަރުކާރުން ރާވާ ރޭވުމެއް،" އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވި އެވެ.

އިންޑިއާގެ އާންމު އިންތިހާބާ ދިމާކޮށް ޕާކިސްތާނާއެކު އުފެދިފައިވާ މައްސަލަ ސިޔާސީ މަންފާ ހޯދުމަށް ވެރިކަންކުރާ ބީޖޭޕީ އިން ބޭނުންކުރަމުންދާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ވަނީ ކޮށްފަ އެވެ.