ދުނިޔެ

ކުރީގެ ފިރިމީހާ ކައިވެނިކުރި މީހާއަށް ޖަނަވާރަކަށް ގޮވުމުން ހައްޔަރު

Apr 8, 2019
1

އަބޫދާބީ (އޭޕްރީލް 8) - ކުރީގެ ފިރިމިހާ ކައިވެނި ކުރި މީހާއާ ދިމާލަށް ފޭސްބުކްގައި ޖަނަވާރަކަށް ގޮވި އިނގިރޭސިވިލާތުގެ އަންހެނަކު ޔޫއޭއީ އިން ހައްޔަރުކޮށްފި އެވެ.

ލާލޭ ޝާހްރަވޭޝް 55، ނަމަކަށް ކިޔާ އެ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ، އޭނާގެ ކުރީގެ ފިރިމީހާގެ ޖަނާޒާއަށް ދިޔުމުން ދުބާއީ އެއާޕޯޓުންނެވެ.

އޭނާއަށް ދައުވާ ކުރަނީ މީގެ ދެ އަހަރު ކުރިން ކުރީގެ ފިރިމީހާ ފޭސްބުކްގައި ޝެއާކުރި ކައިވެނި ފޮޓޯތަކަށް ކުރި ދެ ކޮމެންޓަކާއި ގުޅިގެން ކަމަށްވެ އެވެ.

ޝާހްރަވޭޝް އޭނާގެ ފިރިމީހާ އާއެކު ޔޫއޭއީގައި އަށް މަސް ދުވަހު ދިރިއުޅުނު ކަމަށްވެ އެވެ. ނަމަވެސް، ފަހުން އަންހެން ދަރިފުޅު ގޮވައިގެން އަނބުރާ އިނގިރޭސި ވިލާތަށް ދިޔުމާއެކު، 18 އަހަރުގެ ކައިވަންޏަށްފަހު އޭނާގެ ފިރިމީހާ ވަނީ އޭނާ ވަރިކޮށްފަ އެވެ.

އެ ފިރިހެންމީހާ އާ ކައިވެންޏެއް ކުރިކަން ޝާހްރަވޭޝަށް އެނގުނީ ފޭސްބުކަށް ފޮޓޯތައް ލުމުންނެވެ. އެކަމާއި ރުޅިގަދެވެ ޝާހްރަވޭޝް ވަނީ އެ ފޮޓޯތަކަށް ކުރި ކޮމެންޓެއްގައި "ކަލޭ މަ ދޫކޮށްލީ މި ޖަނަވަރާ އިންނަންތަ" އޭ ސުވާލުކޮށްފަ އެވެ.

ޔޫއޭއީގެ ސައިބާ ކްރައިމް ގާނޫނުގެ ދަށުން މީހެއްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމަކީ ކުށެކެވެ. އެގޮތުން، އޭނާއަށް ދެ އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ބޮޑު ޖޫރިމަނާއެއް އަންނާނެ ކަމުގެ ބިރު އެބައޮތެވެ.

ޔޫކޭ ފޮރިން އޮފީހުން ބުނީ ޝާހްރަވޭޝް ހައްޔަރު ކޮށްފައި ވަނީ ކުރީގެ ފިރިމީހާ މަރުވުމުން ޖަނާޒާ ބައިވެރިވުމަށް އެ ދެމަރިފިންނަށް ލިބިފައިވާ 14 އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ޔޫއޭއީއަށް ދިޔުމުންނެވެ.

އަދި އެ މައްސަލަ ހުށަހެޅީ އެ ފިރިހެންމީހާގެ އާ އަންހެނުން ކަމަށާއި، އެ މައްސަލަ އަނބުރާ ނުނަގާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް އެ އޮފީހުން އިތުރަށް ބުނެފައިވެ އެވެ.

ޝާހްރަވޭޝް މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ނަމަވެސް، އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.