ވިޔަފާރި

މެކްސްކޮމް އިން ވާވޭ ޕީ30 ފޯނު ފޯނުތައް ޕްރީއޯޑަރަށް

Apr 8, 2019

އެންމެ ރީތިކޮށް ފޮޓޯ ނެގޭ ކަމަށް މަގުބޫލުވެފައިވާ ވާވޭ ޕީ30 ޕްރޯ ރާއްޖޭގެ މެކްސްކޮމް ޓެކްނޮލޮޖީސް އިން ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ ވިކޭ ފޯނު އުފައްދާ، ވާވޭ އުފެއްދުންތަކުގެ ނޭޝަނަލް ޑިސްރިބިއުޓަރު މެކްސްކޮމް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި ވާވޭ ޕީ30 އަދި ޕީ30 ޕްރޯ، ފޯނު ދުރާލާ އޯޑަރު ދިނުމަށް ހުޅުވާލާފައިވާއިރު މި ފޯނު މި މަހުގެ ފަހުކޮޅު ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

"ދުނިޔޭގައި މިހާރު އެންމެ ޑިމާންޑް ބޮޑު އެއް ފޯނު މިއީ. އެހެންވެ މި ފޯނުގެ ސްޓޮކް ރާއްޖެ އަށް ލައްވާލާ ވަރު މިވަނީ މި މަހުގެ މެދު ތެރޭ ނޫނީ ފަހުކޮޅު ހިސާބު،" އޮފިޝަލް ވިދާޅުވި އެވެ.

ވާވޭ ޕީ30 އަދި ޕީ30 ޕްރޯ ފޯނު ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ޕެރިހުގަ އެވެ. ދުނިޔޭގައި މިހާތަނަށް ފޯނެއްގައި ހިމަނައިގެން އުފެއްދި އެންމެ ވަރުގަދަ ކެމެރާ ހިމަނާފައިވާ ވާވޭ ޕީ30 ފޯނު ހާއްސަ ކަމަކީ ފޮޓޯ ކޮލިޓީ ރަނގަޅުވުމެވެ. މި ފޯނުން ނަގާ ފޮޓޯ 50 ގުނަ އަށް ޒޫމް ކޮށްލި ނަމަވެސް ފޮޓޯ ފަޅައިގެން ދިއުމާއި ވީޑިއޯ ރޫޅިގެން ނުދިއުން ފަދަ ކަމެއް ކުރިމައްޗެއް ނުވެ އެވެ.

ޕީ30 ޕްރޯ ފޯނަކީ ސެލްފީ ނަގަން ހާއްސަ ފޯނެއްގެ ގޮތުގައި ވަނީ މަގުބޫލުވެފަ އެވެ. ސަބަބަކީ ފޯނުގެ ކުރިމަތީ ސެލްފީ ކެމެރާ މޮޅުވުމެވެ. މި ފޯނުގެ ސެލްފީ ކެމެރާގައި 32 މެގަ ޕިކްސްއެލް ހުރެ އެވެ. އަދި މި ކެމެރާ ވެސް އިން ސުޕަ އެޗްޑީ ކޮލިޓީގައި ކަނު އަނދިރީގައި ފޮޓޯ ނަގާލެވެ އެވެ. މި ފޯނު ވެގެން ގޮސްފައިވަނީ ރޭގަނޑު ފޮޓޯ ނަގަން ހާއްސަ ފޯނެއްގެ ގޮތިގަ އެވެ. އެއީ މި ފޯނުގެ އަލްޓްރާ ވައިޑް އޭންގަލް 20 މެގަޕިކްސެލްގެ ސަބަބުން ނެވެ.

މެކްސްކޮމް އިން ޕްރީއޯޑަރަށް ހުޅުވާލާފައިވާ ޕީ30 ޕްރޯ ފޯނުތައް އެ ކުންފުނިން ވިއްކަނީ 14،900ރ. އަށެވެ. މެކްސްކޮމް އިން ޕްރީ އޯޑަރު ދޭ ފަރާތްތަކަށް ވާވޭ ސްމާޓް އަތުކުރީ ގަޑި އަކާއި ކަވަރެއް ހިލޭ ލިބެ އެވެ. މި ގަޑީގެ އަގަކީ 3،000ރ. އެވެ. މި ތަކެތި ލިބޭނީ ސްޓޮކް ހުސްވަން ދެންނެވެ. މެކްސްކޮމް އިން ވިއްކާ ވާވޭގެ ފޯނު ތަކަށް އެއް އަހަރުގެ ވޮރަންޓީ ވެސް ދެ އެވެ.

ޗައިނާގެ ވާވޭ ކުންފުނީގެ ޕީ30 ސީރީޒްގެ ފޯނުތަކަކީ ވެސް މިހާރު ބާޒާރުގައި ގެންގުޅޭ އެންޑްރޮއިޑް ފޯނުތަކާ އެއް ސައިޒެއްގެ ދެ ފޯނެވެ. މިގޮތުން ޕީ30 ޕްރޯ ފޯނުގެ ޑިސްޕްލޭ ގެ ސައިޒަކީ 6.47 އިންޗި އެވެ. އަދި މި ފޯނުގެ ބެޓެރީގައި 4200 އެމްއޭއެޗް ހުރެ އެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ އަވަހަށް ވަޔަލެސްކޮށް ޗާޖު ކޮށްލެވޭ ފޯނު ކަމަށްވެ އެވެ. މި ފޯނު 30 މިނެޓު ތެރޭ ވާވޭގެ ސުޕަޗާޖަރު ވަޔާ ޗާޖިއިން ޗާޖު ކޮށްލަ އެވެ.