ވިޔަފާރި

ޓީޓީއެމްގެ ގޯލްޑް ޕާޓްނަރަކަށް އަލްޝާލީ މެރިން

Apr 9, 2019

ރާއްޖޭގައި ބާއްވާ ޓޫރިޒަމް ފެއާއެއް ކަމަށްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ ގޯލްޑް ޕާޓްނަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ޓީޓީއެމްގެ ގޯލްޑް ޕާޓްނަރުގެ އެއްބަސްވުމުގައި އަލްޝާލީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު އިސްމާއިލް ޝަރީފު އެވެ. އަދި ޓީޓީއެމް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޑރ. ހުސެއިން ސަނީ އުމަރު އެވެ.

ދުބާއީގެ އަލްޝާލީ ގްރޫޕުގެ ސަބްސިޑަރީއެއް ކަމަށްވާ އަލްޝާލީ މެރިން މޯލްޑިވްސް އިން ތިލަފުށީގައި ހިންގަމުންދާ ޑޮކްޔާޑަކީ މިހާރު ރާއްޖޭގައި މި ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން ގެންދާ އެއް ތަނެވެ. ދުބާއީގެ އަލްޝާލީ މެރިންއާ ގުޅިގެން އަލްޝާލީ މެރިން މޯލްޑިވްސް އުފައްދާފައިވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން އިންނެވެ. އަދި އަލްޝާލީ މެރިން ދުބާއީއަކީ 1979 އަކުން ފެށިގެން ފައިބަރު އުޅަނދު ފަހަރު ބަންނަމުން ގެންދާ ކުންފުންޏެކެވެ.

އަލްޝާލީ މެރިންއިން ދަނީ ޓޫރިޒަމް އިންޑަސްޓްރީއިން ބާއްވާ މިފަދަ ގިނަ އިވެންޓުތަކުގައި ބައިވެރިވަމުންނެވެ. އެ ގޮތުން އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ޓީޓީއެމް ފެއާގައި ބައިވެރިވަމުންނެވެ. މި އަހަރުގެ ޓީޓީއެމް މި އަހަރު ބާއްވަނީ ޖޫން މަހުގެ 11-13 އަށެވެ.

މި އަހަރުގެ ފެއާގައި ވެސް ރާއްޖެއަށް ޓޫރިސްޓުން އަންނަ 30 ގައުމަކުން 200 ޓްރެވަލް އެޖެންޓުން ބައިވެރިވާނެ އެވެ. ޓީޓީއެމް ފެއާ ބާއްވަނީ 2020 އަންނަންވާއިރަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދެ މިލިއަންއަށް އިތުރު ކޮށް ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 މިލިއަން ޑޮލަރަށް ޖެއްސުމެވެ.