ވިޔަފާރި

ޗައިނާ މާކެޓު ރަނގަޅުވެ، ޓޫރިޒަމަށް 22 ޕަސެންޓުގެ ކުރިއެރުން

މިދިޔަ މަހު ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމާއެކު، ރާއްޖޭގެ ޓޫރިޒަމަށް 22 ޕަސެންޓުގެ ކުރިއެރުން ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އާ ސަރުކާރާއެކު ރާއްޖޭގެ ޓޫރިޒަމަށް ހަލުވި ކުރިއެރުންތަކެއް ލިބެމުންދާތަން ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން މާޗް [މިދިޔަ] މަހު ޓޫރިޒަމަށް 22 ޕަސެންޓުގެ ކުރިއުމެއް ލިބިފައިވާ ކަމަށެވެ.

"ޖެނުއަރީ މަހު 6.5 ޕަސެންޓުގެ ކުރިއެރުމެއް. އަދި މާޗް މަހު 16 ޕަސެންޓަށް ފަހު މާޗު މަހު 22 ޕަސެންޓުގެ އިތުރުވުމެއް. މިއީ މިދިޔަ އަހަރު މުޅި އަހަރާ ބަލާނަމަ 15 ޕަސެންޓުގެ ކުރިއެރުމެއް. މިކަމުން މި ފެންނަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެން ދިއުމުގެ ފެހި ސިގުނަލެއް. އެކަމަށްޓަކައި ޓޫރިޒަމް ސިނާތަށާއި ސަރުކާރާއި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 482،978 މީހުން އައިސްފައިވާ ކަމަށެވެ.

"އެހެންވެ އިރާދުކުރެއްވިއްޔާ ރައީސް [އިބްރާހިމް މުހައްމަދު ސޯލިހު] ކަނޑައެޅުވި ޓާގެޓު 1.5 މިލިއަން ޓޫރިސްޓުން ގެނެވޭނެކަން، އަޅުގަނޑުމެންގެ ފޯކާސްޓްތަކުން މިވަނީ ކަށަވަރުވެފައި،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޖުމްލަ ޓޫރިސްޓުން އިތުރުވިއިރު، ޗައިނާ މީހުންގެ އަދަދު އިތުރުވެ، އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަން މައްޗަށް ޖެހިފައިވާ ކަމަށެވެ.

"އާ ސަރުކާރު އައިފަހުން ހަމައެކަނި ޑްރޮޕެއްގައި މިއޮތީ ޗައިނާ. އެ ގައުމުވެސް މި ވަނީ އިންކްރީޒްވެފައި. ޓޮޕް ފައިވް މާކެޓަށް ބަލާއިރު، އުފަލާއެކު ފާހަގަ ކުރަން. އެއްވަނާގައި ޗައިނާ އާއި އިޓަލީ އޮތްއިރު ޖާމަނީ އާއި އިޓަލީ އަދި އިންޑިއާ މިއޮތީ ވަރަށް ހަމަހަމާގައި. އެހެންވީމަ އިންޑިއާ އާމެދުދު އޮތް އެކުވެރިކަމުގެ ފައިދާވާން މިވަނީ ފަށާފައި،" އަލީ ވިދާޅުވި އެވެ.