ބޭރު ކުޅިވަރު

ޗެކްގެ އާ ޖާޒީ ނަންބަރުގެ ހަގީގަތަކީ ކޮބާ؟

Jul 12, 2015

ޗެލްސީގައި 10 އަހަރު ހޭދަކުރުމަށް ފަހު ޗެކްރިޕަބްލިކްގެ ގައުމީ ކީޕަރު ޕީޓަ ޗެކް އަންނަ މަހު ފަށާ ސީޒަނުގައި ފެނިގެންދާނީ އިނގިރޭސި ކުލަބު އާސެނަލްއިންނެވެ. ލަންޑަނަށް ނިސްބަތްވާ މި ދެ ޓީމުގެ ތެރެއިން އާސެނަލް އަކީ ފާއިތުވެދިޔަ 10 އަހަރު ޗެކް ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ކާމިޔާބީތައްވުރެ ލިބުނު ތަށި މާބޮޑަށް ވެސް މަދު ކުލަބެކެވެ. ނަމަވެސް އާސެނަލްގައި އޭނާ ބޭނުންކުރާނެ ޖާޒީ ނަންބަރުގައި ފޮރުވުފައިވާ ސިއްރުތަކެއްވެ އެވެ.

އާސެނަލްގައި ޗެކް ބޭނުންކުރާނީ 33 ނަންބަރު ޖާޒީ އެވެ. މިއީ ކީޕަރުން އާއްމުކޮށް ބޭނުންކުރާ ނަންބަރެއްވެސް ނޫނެވެ. އެހެންވިއްޔާ މި ނަންބަރު އޭނާ އިހްތިޔާރުކުރީ ކީއްވެ ހެއްޔެވެ؟

ޗެކްގެ މިހާރުގެ އުމުރަކީ 33 އަހަރެވެ. ޕްރެމިއާ ލީގުގައި އޭނާ ކުޅެފައިވާ މެޗުތަކުގެ އަދަދަކީ 333 އެވެ.

"މިއީ ވަރަށް ފަސޭހަ ނިންމުމެއް. އުއްމީދު ކުރަނީ ޓީމުގެ މައިބަދައަށް ވާން. މައިބަދައިގައި އިންނަނީ ވެސް 33 އެތިކޮޅު،" ޗެކް ބުނެފައި އެވެ.

އާސެނަލްގައި ޗެކް ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ވެސް ޗެލްސީއާ ދެކޮޅަށެވެ. އެއީ ކޮމިއުނިޓީ ޝީލްޑް މެޗުގަ އެވެ.

އޭނާ ލައްވައި ކޯޗު އާސެން ވެންގާ ސޮއިކުރުވިއިއރު އާސެނަލްގައި ތަޖުރިބާކާރު ދެ ކީޕަރުން އެބަތިއްބެވެ. އެއީ ސިޒެސްނީ އާއި އޮސްޕިނާ އެވެ. ވެންގާ ބުނީ އެ ދެ ކީޕަރުން ތިއްބައި ޗެކް ގެންނަން ނިންމުމަކީ ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި ނަމަވެސް މިއީ ފައިދާހުރި ކުޅުންތެރިއަކަށްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.