ބޭރު ކުޅިވަރު

ކަސިޔާސް ރެއާލް ދޫކޮށް ޕޯޓޯ އަށް

Jul 12, 2015

ސްޕޭނާއި ރެއާލް މެޑްރިޑުގެ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިޔާސް އެންމެ ފަހުން ޕޯޗުގަލްގެ ޕޯޓޯއަށް ބަދަލުވާން ނިންމައިފި އެވެ.

މިކަން ކަށަވަރުކޮށްދެމުން އޭނާ މިހާތަނަށް 25 އަހަރު ހޭދަކޮށްފައިވާ ކުލަބު، ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ކަސިޔާސް އޭނާގެ ކެރިއަރުގައި އިތުރުހަރުފަތަކަށް ދިއުމަށް ގެންނަ ބަދަލެއް ކަމަށެވެ.

"މި ކުލަބަށް ވެއްޖެ 133 އަހަރު. މީގެ ތެރެއިން ކަސިޔަސް އަހަރުމެންގެ ޖާޒީގައި ކުޅެފި 25 އަހަރު. އޭނާ އަކީ މިކުލަބުގެ އެންމެ މޮޅު ގޯލްކީޕަރު. މިއީ އޭނާ މިކުލަބާ ވަކިވުމެއްނޫން. ކެރިއަރުގައި އާ ހަރުފަތަކަށް ދިއުމަށް ގެންނަ ބަދަލެއް. އޭނާގެ ހަނދާންތައް އަބަދުވެސް މި ކުލަބުގައި ދެމިހުންނާނެ،" ރެއާލް މެޑްރިޑުން ބުނެފައިވެ އެވެ.

1990 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު ކަސިޔާސް ވަނީ އެކުލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ގޮތުން ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދުމަކީ މުހިންމު ކާމިޔާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ކީޕަރަށް ރެއާލްގެ ފުރަތަމަ 11އިން ޖާގަ ހޯދަން އުނދަގޫވީ 2013 ވަނަ އަހަރު އެއިރުގެ ކޯޗު ހޯސޭ މޮރީނިއޯ އޭނާ ބެންޗަށް ބަދަލުކުރި ހިސާބުންނެވެ. މިހެންވެ މޮރީނިއޯ އާއި ކަސިޔާސްގެ އަދިވެސް ވާހަކަ ނުދައްކަ އެވެ. މޮރީނިއޯ ރެއާލް ދޫކޮށް ދާން ޖެހުނީ ވެސް ކަސިޔާސް އާއި އޭނާ އަށް ވަފާތެރި ސީނިއާ ކުޅުންތެރިންގެ ޕްރެޝަރާހެދި އެވެ.

ސްޕޭނުގެ ގައުމީ ޓީމު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރި އިރު ޓީމުގެ ގޯލް ބެލެހެއްޓީ ވެސް ކަސިޔާސް އެވެ. ނަމަވެސް އޭނާ ހުއްޓައި އެންމެ ފަހުގެ ވޯލްޑް ކަޕުން ސްޕޭން ކެޓީ ފުރަތަމަ ބުރުންނެވެ.

ސްޕޭނުގެ ގައުމީ ޓީމުގެ ރެކޯޑް އަދަދެއް ކަމަށްވާ 162 މެޗު ކުޅެދީފައިވާ ކަސިޔާސްގެ ބަދަލުގައި ރެއާލް އަށް ގެންނަން މަސައްކަތް ކުރަނީ މެންޗެސްޓާ ޔުނައިޓެޑުގެ ސްޕޭން ކީޕަރު ޑޭވިޑް ޑެހެޔާ އެވެ. ސްޕޭނުގެ ގައުމީ ޓީމުގެ ބަދަލު ކީޕަރު ހުރީ ރެއާލްއާ ގުޅޭހިތުންނެވެ. ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ނޫނީ އޭނާ ދޫކޮށްލަން މެންޗެސްޓާ ބޭނުމެއްނުވެ އެވެ.

ކަސިޔާސް ރެއާލް މެޑްރިޑުން ޕޯޓޯ އަށް ބަދަލުވާ އަގެއް އަދި ހާމައެއްނުކުރެ އެވެ. ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އޭނާ ޕޯޓޯ އަށް ބަދަލުވަނީ އޭނާ އަށް މިހާރުލިބޭ މުސާރައަށް އުނިކަމެއް ނުލިބޭގޮތަށެވެ. އަދި އެ މުސާރަ ދިނުމުގައި ރެއާލް މެޑްރިޑް ވެސް ހިއްސާކުރާ ގޮތަށެވެ. އޭނާ ވަނީ ރެއާލް އަށް 725 މެޗު ކުޅެދީފަ އެވެ.