ދުނިޔެ

އީޔޫން ވަކިވާ ތާރީހު ޖޫން 30 އަށް އިތުރުކުރަން އެދެނީ

Apr 10, 2019

ލަންޑަން (އޭޕްރީލް 10) - ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވާ ތާރީހު ޖޫން 30 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްދޭން އީޔޫގައި އެދުމަށް އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ނިންމަފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީޔޫން ވަކިވުމަށް ތެރޭސާ މޭ ހުށަހެޅުއްވި އެއްބަސްވުމަށް ގޮތެއް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން، އީޔޫން ވަކިވުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އީޔޫން މިހާރުވެސް ވަނީ އިތުރުކޮށްދީފަ އެވެ.

ނަމަވެސް، ޔޫކޭ ޕާލިމަންޓުން ކުއްލިގޮތަކަށް ފާސްކުރި ބިލަކުން، އެއްބަސްވުމެއްނެތި އީޔޫން ވަކިވުން ހުއްޓުވުމަށް، އެ ތާރީހު އިތުރަށް ފަސްކުރަން އީޔޫގައި އެދުމަށް ވަނީ ނިންމައިފަ އެވެ.

އެކަމަށް ގޮތެއް ނިންމުމަށް އީޔޫ ގައުމުތަކުގެ ލީޑަރުންގެ ބައްދަލުވުމެއް ވަނީ ތާވަލުކުރެވިފަ އެވެ. އެ ބައްދަލުވުމުގައި ޖޫން 30 އަށް އީޔޫ މެމްބަރަކަމުން ޔޫކޭ ވަކިވާ ތާރީހު އިތުރުކޮށްދޭން މޭ އެދިވަޑައިގަންނަވަން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ވަކި އުސުލޫތަކަކާއި ޝަރުތަކެއްގެ މަތިން، އެ ތާރީހު 12 މަސް ދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު އީޔޫ ގައުމުތަކުގެ ލީޑަރުން ދެއްވާނެކަމަށް ބެލެވެ އެވެ.

އެ ގޮތަށް އަމަލުކޮށްދިނުމަށް ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ވަނީ އީޔޫގެ ލީޑަރުންނަށް އިލްތިމާސްކުރައްވައިފަ އެވެ.

"އެއްވެސް ބަޔަކު ލަދުގަންނަންޖެހޭ ހާލަތަކަށް ކަންކަން ދިޔަ ދީގެން ނުވާނެ،" ޓަސްކް ވިދާޅުވެފައިވެ އެވެ.

ޖޫން 30 އަށް ވުރެ އިތުރަށް އީޔޫގެ މެމްބަރެއްގެ ގޮތުގައި އޮންނަން އިނގިރޭސިވިލާތުން ބޭނުންނުވި ނަމަވެސް، މޭ އެއްބަސްވުން ޕާލިމަންޓުން ނޫނެކޭ ބުނެފައިވާތީ، އިތުރު ގޮތެއް ނެތުމުގެ ފުރުސަތު ބޮޑުކަމަށް ބްރެކްސިޓް ސެކްރެޓަރީ ސްޓީވް ބާކްލީ ވަނީ ވިދާޅުވެފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމަށް ޔޫކޭ ޕާލަމަންޓުން ތިން ބުރަށް ނޫނެކޭ ބުނެފައިވާއިރު، އެ އެއްބަސްވުމަށް މެމްބަރުން އަމިއްލައަށް ހުށަހެޅި އިސްލާހުތަކަށް ވެސް މެޖޯރިޓީ ވަނީ ނުލިބިފަ އެވެ.

އޭޕްރީލް 12 އަށް ވުރެ އިތުރަށް ބްރެކްސިޓް ފަސްކުރަނީ ނަމަ، އަންނަ ޔޫރަޕިއަން ޕާލިމަންޓް އިންތިހާބުގައި އިނގިރޭސިވިލާތުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އީޔޫން ވަނީ ބުނެފައިވެ އެވެ.

އަދި އަންނަ ހުކުރު ދުވަހަށް ވުރެ އިތުރަށް ބްރެކްސިޓް ފަސްކުރަން އީޔޫގެ ހުރިހާ ގައުމުތަކުން އެއްބަސްނުވެއްޖެނަމަ، އެއްވެސް އެއްބަސްވުމެއްނެތި އީޔޫން ވަކިވާން ޔޫކޭއަށް މަޖުބޫރުވާނެ އެވެ.