ބޭރު ކުޅިވަރު

ވޭންޕާސީ މެންޗެސްޓާގެ ކުޅުންތެރިންނަށް ވަދާއީ ސަލާމްކޮށްފި

Jul 12, 2015

މެންޗެސްޓާ ޔުނައިޓެޑުގެ ނެދަލޭންޑްސް ފޯވަޑް ރޮބިން ވޭންޕާސީ އޭނާގެ ކުލަބުގެ ކުޅުންތެރިންނަށާއި އިނގިރޭސިވިލާތުގައި ތިބި ގާތް ރަހުމަތްތެރިންނަށް ވަދާއީ ސަލާމްކިޔައި ތުރުކީގެ ފެނަބާޗޭ އަށް ބަދަލުވާން ތައްޔާރުވެއްޖެ އެވެ.

އުމުރުން މިހާރު 31 އަހަރުގެ ފޯވަޑް ގަތުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ފެނަބާޗޭއިން މިހާރު ވަނީ ބުނަން ފަށައިފި އެވެ. އަދި އޭނާގެ ފީއަކީ 3.4 މިލިއަން ޕައުންޑް ކަމަށް ވެސް އެކުލަބުން ބުނެ އެވެ. ނަމަވެސް ކުޅުންތެރިޔާ އާއި ޔުނައިޓެޑުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ނަމަވެސް ފޯމު ގެއްލި މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ނުދެއްކުމުން ކޯޗު ލުއިސް ވެންހާލް ވަނީ މީގެ ކުރިން އަބަދުވެސް އޭނާ އަތާއަތްޖޯޑުކޮށްގެން އުޅުނު ފޯވަޑް ދޫކޮށްލަން ވިސްނަންފަށައިފަ އެވެ. މި ގޮތުން އިޓަލީގެ ކުލަބުތަކުން އޭނާ ގަތުމަށް ހުށަހެޅުމުން ކުޅުންތެރިޔާ އަށް މަޝްވަރާކުރަން ހުއްދަވެސްދީފައިވެ އެވެ.

އާސެނަލްގެ ކުރީގެ ކެޕްޓަން ވެންޕާސީ އަކީ ނެދަލޭންޑްސް ގައުމީ ކެޕްޓަނެވެ. އޭނާ މެންޗެސްޓާ އަށް ގެނައީ 2013 ވަނަ އަހަރު ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން އެވެ. އެ ސީޒަނުގައި އޭނާ ވަނީ މޮޅަށް ކުޅެ މެންޗެސްޓާ އަށް 20 ވަނަ ފަހަރަށް އިނގިރޭސި ލީގު ހޯދާދީފަ އެވެ.