ހަބަރު

ޖަމީލާއި އުމަރު ޕީޕީއެމްއާ ގުޅެން ޝައުގުވެރިވެއްޖެ

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އިދިކޮޅު ޕީޕީއެމްއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.

އުމަރު ނަސީރާއި ޖަމީލު ޕީޕީއެމްއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާކަން ހާމަ ކުރެއްވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު އެކަން މިއަދު އެ ޕާޓީގެ ކައުންސިލާ ވަނީ ހިއްސާ ކުރައްވާފަ އެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި މިއަދު ބޭއްވި ކައުންސިިލު ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ވަނީ އެކަމަށް ތާއިދުކޮށްފަ އެވެ.

ޖަމީލަކީ ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އެވެ. އޭނާ ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވަނީ ނައިބު ރައީސްގެ މަގާމުން ދުރުކުރުމާއެކު އެވެ. އޭގެ ފަހުން ޖަމީލު އުޅުއްވީ ލަންޑަނުގަ އެވެ. އަދި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީންއާ ދެކޮޅަށް އުފެދުނު ފުރަތަމަ އިދިކޮޅު ކޯލިޝަންގެ ލީޑަރުކަން ވެސް އޭނާ އަދާކުރެއްވި އެވެ.

ފަހުން އޭނާ ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާ އެވެ. އެ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ޖަމީލު ރާއްޖެ ވަޑައިގެންނެވި އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ނުކުމެވަޑައިގެންނެވި އެވެ. ނަމަވެސް ކާމިޔާބު ލިބިވަޑައިނުގެންނެވި އެވެ.

އުމަރު ނަސީރަކީ ރައީސް ޔާމީންއާ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިޔާބުވީ ބޭފުޅެކެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވި އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ރައީސް މައުމޫން އާއި ރައީސް ޔާމީންއާ ދެމެދު ހިޔާލު ތަފާތުވި ދުވަސްވަރު އެވެ. އުމަރު ހުންނެވީ ރައީސް މައުމޫންގެ ފަޅީގަ އެވެ. ނަމަވެސް ރައީސް މައުމޫން އެމްޑީޕީއާއެކު ކޯލިޝަން ހެދުމުން އުމަރު އެއްފަރާތްވި އެވެ.

އޭގެ ފަހުން އުމަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ. ނަމަވެސް އެ ޕާޓީއިން އެމްޑީޕީއާއެކު ވެގެން ރިޔާސީ އިންތިހާބަށް ނުކުތުމަށް ނިންމުން އުމަރު އެ ޕާޓީއިން ވަކިވެވަޑައިގެންނެވި އެވެ. އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ނުކުންނަވައި ކެމްޕެއިން ކުރެއްވި އެވެ. ނަމަވެސް ފަހުން ވަނީ ކެމްޕެއިން ހުއްޓާލައްވައި ކުރިމަތިނުލައްވަން ނިންމަވާފަ އެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ކުރައްވައި އެ ކެންޑިޑޭޓުންނަށް ކެމްޕެއިން އުމަރުކޮށް ދެއްވި އެވެ. އުމަރަކީ އެމްޑީޕީއާ ވަރަށް ހިޔާލު ތަފާތު ބޭފުޅެކެވެ.