ވިޔަފާރި

ދިރާގު އޭޖީއެމް މިމަހު، އެސްޓީއޯ އޭޖީއެމް އަންނަ މަހު

Apr 11, 2019

ދިރާގު އަހަރީ އާއްމު ޖަލްސާ މި މަހު ބާއްވާއިރު، އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރު ހިއްސާވާ ދެ ކުންފުނީގެ ތެރެއިން، ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގު އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) ތާވަލްކޮށްފައި އޮތީ މިމަހު 25 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގަ އެވެ.

އެ ކުންފުނިން ވަނީ އޭޖީއެމްގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން "އިންފިނިޓީ ޑޮޓްއެމްވީ" އިން ރަޖިސްޓްރީކޮށް ނުވަތަ އިންވެސްޓާ ރިލޭޝަން އެޓް ދިރާގު ޑޮޓްކޮމް ޑޮޓްއެމްވީ އަށް އީމެއިލް ފޮނުވައިގެން ވެސް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފަ އެވެ.

ދިރާގު އަހަރީ އާއްމު ޖަލްސާ ބާއްވަން ތައްޔާރުވާއިރު، އެ ކުންފުނީގެ ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި ލިބުނު 905 މިލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފަ އެވެ. ނަމަވެސް އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތައް އަދި އާއްމު ކޮށްފައެއް ނުވެ އެވެ.