ޗެމްޕިއަންސް ލީގް

ރޮނާލްޑޯއަށް 125 ގޯލް، އަޔެކްސް ޔުވެންޓަސް ހުއްޓުވައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ ޗެމްޕިއަންސް ލީގްގައި ކާމިޔާބު ކުރި 125 ވަނަ ގޯލާއެކު، އަޔެކްސްގެ މައްޗަށް ލީޑް ނަގައިގެން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފުގައި އަޔެކްސްއިން ޔުވެންޓަސް ހުއްޓުވައިފި އެވެ.

ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގް ތާރީހްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ. އެ މުބާރާތުގެ ކްއާޓާ ފައިނަލުގައި އެކަނިވެސް އޭނާ ޖެހި ގޯލްގެ އަދަދު 20 ވުރެ މައްޗަށް ދިޔައީ އެވެ. އޭނާ ވަނީ ކްއާޓާ ފައިނަލުގެ މެޗުތައް 21 ފަހަރު ކުޅެފަ އެވެ. ކްއާޓާ ފައިނަލުގެ އޭނާ ޖެހި ގޯލްގެ އަދަދު 24 އަށް އެރީ އެވެ.

ޔުވެންޓަސްއާ އެކު، ރޮނާލްޑޯ މެޗަކަށް ނިކުތީ، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގް މެޗުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކު ހެދި މެޗަށް ފަހު އެވެ. އޭގެ ފަހުން އިންޓަނޭޝަނަލް ބްރޭކުގައި އޭނާ ވަނީ ޕޯޗްގަލްގެ ޓީމަށް އެނބުރި އައިސް ގައުމީ ޓީމާއެކު ކުޅެފަ އެވެ. ގައުމީ ޓީމުގައި އޭނާ އަށް އަނިޔާވުމުމުން ވޭތުވެދިޔަ ދުވަސްތައް އޭނާ ހޭދަ ކުރީ އަނިޔާއިން ރަނގަޅު ވުމަށެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ރޮނާލްޑޯ ލަނޑު ޖެހީ، ޔުވެންޓަސްގެ ޖުއާއޯ ކެންސަލޯ ނެގި ހުރަސް ބޮޅުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެ ލަނޑަށް ފަހު އުފާ ފާޅު ކުރަން އޭނާ ދުއްވައިގަތީ އަޔެކްސްގެ ސަޕޯޓަރުން ތިބި ސަރަހައްދަށެވެ.

އެ ލަނޑުން، ޔުވެންޓަސް ލީގްގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފެށިގޮތަށް، އަޔެކްސްގެ ޑޭވިޑް ނޭރެސް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އަޔެކްސްއިން ގިނަ ހަމަލާތަކެއް އުފައްދައި މެޗުގެ ފޯރި ގަދަ ކޮށްލި އެވެ. ޔުވެންޓަސްގެ ޑަގުލަސް ކޮސްޓާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.

މެޗުގެ ކުރިން، އެމްސްޓަޑަމްގެ ފުލުހުންނަށް ޖެހުނީ ގަދަބަދަވި ކަމުން ބައެއް ސަޕޯޓަރުން ހުއްޓުވާށެވެ. އަލިފާން ބޯޅަ އާއި ބަޑި ބޭހުގެ އާލަތްތައް ދަނޑަށް ވައްދަން އުޅުމުން ފުލުހުން ވަނީ 140 މީހުން ހައްޔަރު ކޮށްފަ އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި ގިނަ މީހުންގެ ތެރޭގައި ގިނައީ އިޓަލީ މީހުން ކަމަށެވެ.