ވިޔަފާރި

މާޗް މަހުގެ އާމްދަނީ ލަފާކުރި ވަރަށް ވުރެ 15 ޕަސެންޓް ދަށްވެއްޖެ

Apr 11, 2019
2

މިދިޔަ މާޗް މަހުގެ ތެރޭގައި ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް ލިބުނު، 1.5 ބިލިއަން ރުފިޔާ އަކީ މީރާ މެދުވެރިކޮށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 15.1 ޕަސެންޓް ދަށް އަދަދެއް ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މީރާއިން އާންމުކުރި މާޗް މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މާޗް މަހު މީރާއަށް ލިބުނު 1.5 ބިލިއަން ރުފިޔާ އަކީ ވޭތުވެ ދިޔަ އަހަރުގެ މާޗް މަހު ލިބުނު އާމްދަނީއަށް ވުރެވެސް، 2.1 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.

މީރާއިން ބުނީ ޓޫރިސްޓުން އައިވަރު އިތުރުވި ނަމަވެސް މާޗް މަހު ލިބުނު އާމްދަނީ ދަށަށް ދިޔައީ، ޖީއެސްޓީ ދައްކަންޖެހޭ ބައެއް ފަރާތްތަކުން ޖީއެސްޓީ ދައްކާފައި ނުވާތީ އެވެ. މީގެ އިތުރުން މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވާ ސަބަބަކީ ޖީއެސްޓީ އަދި ރިޒޯޓުތަކުގެ ކުލި ދައްކަންޖެހޭ ބައެއް ފަރާތްތަކުން ސުންގަޑިއަށް ފައިސާ ނުދެއްކުމުން ކަމަށް ވެސް މީރާއިން ބުންޏެވެ.

މާޗް މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ އާމްދަނީގެ 48.4 ޕަސެންޓް، 732.11 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. އެއީ އާމްދަނީގެ 23.5 ޕަސެންޓެވެ. ރިސޯޓްތަކުން ބިމު ކުލީގެ ގޮތުގައި 355.86 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ލިބިފަ އެވެ.

މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 87.04 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އާމްދަނީގެ 5.8 ޕަސެންޓެވެ. ގްރީން ޓެކްސްގެ ގޮތުގައި 83.17 މިލިއަން ރުފިޔާ ލިބުނު އިރު އެއީ އާމްދަނީގެ 5.5 ޕަސެންޓެވެ. އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 67.33 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 187.03 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މާޗް މަހުގެ ބަލައިގަތް އާމްދަނީގެ ތެރެއިން، 72.1 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ.