ހަބަރު

މޯލްޑިވްސް ބިޒްނަސް ޓޯކްސްގެ ނަމުގައި ކޮންފަރެންސެއް ބާއްވަނީ

މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ފާމް ބްލޭޒަން އިންކްއިން މޯލްޑިވްސް ބިޒްނަސް ޓޯކްސްގެ ނަމުގައި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

"އެމްޕަވަރިން އެސްއެމްއީސް" ތީމްގައި އެއް ދުވަހުގެ ބިޒްނަސް ކޮންފަރެންސެއް ގޮތަށް ކުރިޔަށް ގެންދާ މި އިވެންޓްގައި ވަޒީފާދޭ ފަރާތްތަކާއި، ކުންފުނިތަކުން އެއް މޭޒެއްގެ ދޮށުގައި ވިޔަފާރި ކުރާނެ އާ ގޮތްތަކާއި ޕޮލިސީތަކާއި މެދު މަޝްވަރާ ކުރާނެ އެވެ.

އިވެންޓްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި ކާމިޔާބު ވިޔަފާރިވެރިންގެ ޕެނަލްއެއް ބާއްވައި ބައެއް ފަރާތްތަކުން ވާހަކަ ދައްކާނެ އެވެ.

ބްލޭޒަންއިން ބުނީ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް ފުރުސަތު ދޭގޮތަށް ޖުލައި މަހުގައި ބާއްވާ މީގެ ފުރަތަމަ ކޮންފަރެންސްގައި ރަޖިސްޓްރީ ކޮށްގެންނާއި، ދައުވަތު ދީގެން 200 ފަރާތެއް ބައިވެރިވާނެ ކަމަށެވެ. އަދި އެ އިވެންޓް ލައިވްކޮށް ވެބްކާސްޓް ކުރާނެ ކަމަށެވެ. މިފަދަ އެހެން ކޮންފަރެންސްތަކެއް ވެސް ބޭއްވުމަށް ބްލޭޒަންއިން ވަނީ ނިންމާފަ އެވެ.