ދުނިޔެ

ސޫދާން ރައީސް ވެރިކަމުން ދުރުކޮށްފި

Apr 11, 2019

ސޫދާނުގެ ރައީސް އުމަރު ހަސަން އަލްބަޝީރު މަގާމުން ދުރުކޮށް އޭނާއާ އަރިސް ބައެއް މީހުން ހައްޔަރުކޮށްފި އެވެ. މިކަން ވަނީ ދުނިޔޭ މީޑިއާއިން މިހާރު ކަށަވަރުކޮށްދީފަ އެވެ.

ސޫދާނުގެ ވެރިރަށް ހަރްތޫމުގައި ގާއިމުވެފައިވާ މީޑީއާތަކާ ހަވާލާދީ ސީއެންއެން އިން ބުނީ ރައީސް އަލްބަޝީރު އެ މަނިކުފާނުގެ ގެކޮޅުގެ "ބަންދެއްގައި" މަޑުކުރެއްވުމަށް ސިފައިން އަންގާފައިވާ ކަމަށެވެ.

ނަވާރަސަތޭކަ އަށްޑިހަ ނުވަނަ ވަނަ އަހަރު އަލް ބަސީރު ވެރި ކަމަށް ވަޑައިގެންނެވީ ބަޣާވާތެއްގެ ތެރެއިންނެވެ. އޭރުގެ ބޮޑުވަޒީރަކީ އައްސޯދިގު އަލްމަހްދީ އެވެ.

ސޫދާން ހަލަބޮލިވެފައިވާއިރު މަގުތަކާއި، ބުރިޖުތަކުގައި ސިފައިންގެ އުޅަނދުތައް ހަރަކާތްތެރިވަމުން ދާއިރު، ވެރިކަންކުރާ ޕާޓީގެ ރައީސު އަޙްމަދު ހާރޫނާއި، ކުރީގެ ނާއިބު ރައީސު އަލީ އުސްމާނު މުއްމަދު ތޯހާ އާއި ކުރީގެ ދިފާއީ ވަޒީރު ވަނީ ހައްުޔަރު ކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ރައީސް ބަޝީރުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ގެތަކުގައި ވެސް ސިފައިން ފޯރި މަރަން ވަނީ ފަށާފަ އެވެ.

މި ބަދަލު އާއިރު ސޫދާން ޕްރެފަޝަންލްސް އެސޯސިއޭޝަނުން ދަނީ އާއްމުން ސިފައިންގެ މަރުކަޒުގެ ކުރިމަތީގައި އޮތް މައިދާނަށް އެއްވުމަށް ގޮވާލަމުންނެވެ. އެ މީހުން ބުނަނީ ވީ އެންމެ އަވަހަކަށް މަދަނީ ސަރުކާރަކާ ދައުލަތް ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.

އިންސާނިއްޔަތާ ހިލާފު އެތައް އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުތައް އޮތް ރައީސް އުމަރު އަލް ބަޝީރުގެ ދުވަސްވީ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މުޒާހަރާ ކުރާ މީހުން ގޮވާލީ އެ ގައުމުގައި މިހާރު 30 އަހަރުވީ ވެރިކަން ނިންމާލުމަށެވެ.