ދުނިޔެ

ޗައިނާގެ އައްސޭރިފަށަށް ވަރުގަދަ ތޫފާނެއް، އެތައް ބަޔަކު ރައްކާތެރި ހިސާބުތަކަށް!

Jul 12, 2015

ޗައިނާގެ އިރުމަތީ އަައްސޭރިފަށުގެ އަަވަށްތަކަށް ވަރުގަދަ ތޫފާނެއް އެރުމުގެ ސަބަބުން އެތައް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.

މޫސުމާ ބެހޭ ޗައިނާގެ ގައުމީ އިދާރާ އިން މިއަދު ބުނި ގޮތުގައި ޗެން-ހާމްގެ ނަމުން ނަން ދީފައިވާ ތޫފާން ފުރަތަމަ އަރާފައިވަނީ ޒީޖިއަންގް ޕްރޮވިންސް ނިންބޯ އަވަށަށް ކައިރީގައި އޮންނަ ޖަޒީރާ ރަށަކަށް އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އެ ތޫފާން މިހާރު މިސްރާބު ޖަހާފައި ހުރީ ޝަންހާއީ ހުރަސްކޮށް އުތުރުގެ ހިސާބުތަކަށް ކަމަށް އެ އިދާރާ އިން ބުންޏެވެ.

އެއާ އެކު، ޗައިނާގެ އައްސޭރި ފަށުގައި ދިރިއުޅޭ މިލިއަނެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

މިއީ 1949ގެ ފަހުން ޒީޖިއަންގް ޕްރޮވިންސަށް އަައި އެންމެ ބާރު ގަދަ ތޫފާނެވެ. މި ތޫފާންގެ ބާރު ކޮންމެވެސް ވަރަކަށް ކުޑަވެފައި ވިޔަސް، އެ ޕްރޮވިންސްގައި އަދިވެސް އޮތީ އިމަޖެންސީ ހާލަތު އިއުުލާންކޮށްފަ އެވެ.

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ، ޒިންހުއާ އިން އިއްޔެ ބުނި ގޮތުގައި އިއްޔެގެ ނިޔަލަށް މި ތޫފާނުގައި އަދި މީހަކު މަރެއް ނުވެ އެވެ.

އެހެން ނަމަވެސް، ވައިގަދަވެ، ބޯކޮށް ވާރޭ ވެހުމުގެ ސަަބަބުން މިހާތަނަށް 400 ފްލައިޓެއް ކެންސަލް ކުރަންޖެހި، އާއްމު އެތައް ހަފުލާތަކަކަށް ވެސް ވަނީ ބުރޫއަރާފަ އެވެ. ގެ އިން ބޭރަށް ނުދިއުމަށާއި މަސްވެރިކަން ނުކުރުމަށް ސަރުކާރުން އެދިފައި ވާއިރު، ރޭލު ދަތުރުތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.

ގަޑިއަކު 173 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހޭ މި ތޫފާން ޗައިނާ އަށް އެރުމުގެ ކުރިން ޖަޕާނާއި ޓައިވާނަށް ވެސް އަރާފައިވެ އެވެ. އެ ގައުމުތަކުން އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބުނުއިރު، ގަސްތަކާއި ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ހުޅަނގު މޫސުމުގައި ވަރުގަދަ ތޫފާންތަކާ ކުރިމަތިލާން ޗައިނާ އަށް އާއްމުކޮށް ޖެހެ އެވެ. އެހެންވެ، އެ ގައުމުން ވަނީ ރައްކާތެރިކަމުގެ ދާއިމީ ފިޔަވަޅުތައް ވެސް އަޅާފަ އެވެ.