ހަބަރު

އަމީނިއްޔާ ޑައަމަންޑް ޖުބްލީގެ ހާއްސަ ފެއާ މިއަދު

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ ގޮތުން އެ ސްކޫލްގެ ކުރީގެ ދަރިވަރުންގެ އިސް ނެގުމުގައި ބާއްވާ ހާއްސަ ފެއާ އެއް މިއަދު ހަވީރުން ފެށިގެން ސްކޫލްގައި އޮންނާނެ އެވެ.

ފެއާ އޮންނާނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 11:30 އަމީނިއްޔާ ސްކޫލްގަ އެވެ. މި ފެއާގައި ކާނާ އާއި އަންނައުނު ކްރާފްޓާއި ތަފާތު އެހެނިހެން ސާމާނު ވިއްކާ 110 ސްޓޯލް ހުންނާނެއެވެ.

މި ފެއާ އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ އަމީނިއްޔާ ސްކޫލްގެ ކުރީގެ ދަރިވަރެއް އަދި ފަހުން ސްކޫލްގެ ޕްރިންސިޕަލް ކަން ކުރައަވާފައިވާ ޑރ. އާމާލް އަލީ ވިދާޅުވީ މިއީ އަމީނިއްޔާގެ ކުރީގެ ދަރިވަރުންނަށް އެމީހުންގެ ވިޔަފާރިތަކާއި ވިޔަފާރީގެ ހުނަރު ދައްކާލުމަށް ދޭ ފުރުސަތެއް ކަމަށެވެ.

"އަމީނިއްޔާ ގެ މިހާރުގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންނަށާއި ހުރިހާ ފަރާތްތަކަށް މި ފެއާއަށް ވަޑައިގަތުމަށް ދައުވަތު އަރުވަން" އޭނާ ވިދާޅުވި އެވެ.

މި ފެއާ ރޭވުމުގައި ހަރަކާތްތެރިވާ އަމީނީއްޔާ ސްކޫލްގެ ކުރީގެ ދަރިވަރުންގެ އެކި އެކި ވިޔަފާރިތަކަށް ފުރުސަތު ދީގެން ކުރިއަށް ގެންދާ ފެއަރއިން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްގައި މި އަހަރު ކުރިއަށް ރާއްވާފައި ހުރި ހަރަކާތްތަކަށެވެ. މި ފެއަރ އަކީ ބޮޑަށް ކުޑަކުދިންނާއި ބޮޑެތި މީހުން އެކީގައި ގޮސް ކުރީގެ ސްކޫލްގައި މަޖާ އަދި އުފާވެރި ވަގުތެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ފުރުސަތެކެވެ.

ސްކޫލްގެ ޑައަމެންޑް ޖުބްލީ ފާހަގަ ކުރުމުގެ ގޮތުން މިނޫންވެސް އިތުރު ހަރަކާތްތަކެއް ސްކޫލުން ދަނީ އިންތިޒާމްކުރަމުންނެވެ. މިގޮތުން 27 އޭޕްރީލްގައި ބާއްވާ ހާއްސަ ފުޓުބޯޅަ މެޗަކާއި 30 އޭޕްރީލްގައި އޮންނަ ސްކޫލަށް ގަހެއް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް އޮންނާނެ އެވެ.

އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރެއިން ސްކޫލެކެވެ.ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށްގެން ހިންގި މި ސުކޫލަކީ މުޅި ގައުމަ ފަހުރުވެރިވާ އެތަށް ދަރިވަރުންގެ ތައުލީމީ ބިންގާއަޅައިދިން ސުކޫލެވެ.