ހަބަރު

މެލޭއާއި އިންޑިއާ ލަންކާގައި އުޅޭ ދިވެހިންގެ ބޭހަށް ސްކީމެއް ތައާރަފުކޮށްފި

Apr 11, 2019
1

ސްރީލަންކާ އާއި އިންޑި އަދި މެލޭޝިއާގައި އުޅޭ ދި ވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމުގައި މާލީ ގޮތުން ލުޔެއް ހޯދައި ދިނުމަށް އާސަންދަ ކުންފުނި "މެރަނާ" ނަމުގައި ސްކީމެއް ތައާރަފުކޮށްފި އެވެ. -- މެރަނާ އަކީ ދުޅަހެޔޮ، އަދި ސިއްހަތު ރަނގަޅު މި ދެ މާނައިގައި ބޭނުން ކުރާ ދިވެހި ނަމެކެވެ.

އާސަންދައިން ބުނީ އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިން މެރަނާގައި ރަޖިސްޓްރީ ކުރުމުން ސިއްހީ ފަރުވާގެ މާލީ އެހީ އެ ސްކީމްގެ ތެރެއިން ލިބިގެންދާނެ ކަމަށާއި އެކަމަށް ސްކީމްގައި މިނގަނޑުތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެ ތިން ގައުމުގައި ދިރިއުޅޭ ދިވެހިންގެ ގޮތުގައި މާނަ ކުރަނީ މަދުވެގެން ހަ މަސް ދުވަހު ދިރިއުޅުމަށް އެ ގައުމަކުން ވިސާ ދޫކޮށްފައިވާ ފަރާތްތަކެވެ.

މެރަނާ ސްކީމްގެ ބައިވެރިއަކަށް ޖުމްލަ ކަވަރޭޖްގެ ގޮތުގައި އަހަރަކު ލިބޭނީ 150،000 ރ. ގެ ބޭސްފަރުވާ އެވެ. ކަވަރޭޖްގައި އެޑްމިޓް ނުކޮށް (އައުޓްޕޭޝަންޓް) ހިދުމަތަށް އަހަރަކު 10،000ރ. އެވެ. ބާއްވައިގެން (އިންޕޭޝަންޓް) ނަމަ އެޑްމިޝަން ފީ ހިމަނައިގެން ކަވަރު ކުރާ އަދަދަކީ ޖުމްލަ ކަވަ ކުރާ އަދަދާ އެއްވަރުގެ އަދަދެކެވެ.

މެރަނާ ތައާރަފުވުމުން ސްރީލަންކާ އާއި އިންޑިއާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ބޭސް ފަރުވާގެ މާލީ އެހީ ލިބޭނީ މެރަނާގެ ތެރެއިންނެވެ. މެރެނާގައި ރަޖިސްޓްރީ ވެވޭނީ އާސަންދަ އެބްރޯޑް ޕޯޓަލް ގައި ރަޖިސްޓްރީ ވެގެނެވެ.

މިވަގުތު އާސަންދަ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލަކުން މެރަނާގެ ހިދުމަތް ވެސް ލިބޭނެ އެވެ. އިންޑި އާއި ލަންކާގައި އާސަންދަ ލިބޭ ހޮސްޕިޓަލްތަކުން މެރަނާގެ ހިދުމަތް ފަށާފައިވާއިރު މެލޭޝިއާގައި މެރަނާގެ ހިދުމަ ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. ކުރިޔަށް އޮތް ދެމަސް ތެރޭގައި މެލޭޝިއާއިން ވެސް މެރަނާގެ ހިދުމަތް ލިބޭނެ އެވެ.

ރާއްޖޭގައި އާސަންދައިގެ ހިދުމަތް ދޭ އަމިއްލަ މަރުކަޒުތަކުން ހިދުމަތްދޭ އުސޫލުން މެރަނާ ސްކީމްގެ ހިދުމަތްތަކުގެ އަގުތަކުގައި ރާއްޖޭގެ ބޭރުގެ ހިދުމަތްދޭ ހޮސްޕިޓަލުތަކުން ހިދުމަތްދޭނެ އެވެ. މެރަނާ ތެރެއިން ހަމަޖައްސައިދޭ ހަރަދުގެ އިތުރަށް ހިނގާ ހަރަދަކާ ހަވާލުވާންޖެހޭނީ އެމީހަކު އަމިއްލައަށެވެ.