ދުނިޔެ

އެއްބަސްވުމަށް ނުބަލައި ޔަމަނުގައި ހަމަލާ ބަދަލުކުރަން ފަށައިފި

Jul 12, 2015

މި ރޯދަމަސް ނިމެންދެން ޔަމަނުގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް އެ ގައުމަށް ވެރިވެގަނެފައިވާ ހޫތީންނާއި އެ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންދާ ގަލްފުގެ ގައުމުތަކުން އެއްބަސްވުމަށް ފަހު ވެސް ހަމަލާ ބަދަލުކުރަން ފަށައިފި އެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމަށް، އދ. އިން މެދުވެރިއެއްގެ ރޯލް އަދާކުރަމޮށްގެން އެކުލަވާލި އެ އެއްބަސްވުމަށް ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ފަށަން ދެ ފަރާތުން ވެސް އޮތީ އެއްބަސްވެފަ އެވެ. އަދި އެ އެއްބަސްވުން ރޯދަ ނިމެންދެން ކުރިއަށް ގެންދަން ވެސް ނިންމާފައިވެ އެވެ.

އެހެން ނަމަވެސް، ގުޅިފައިވާ ގަލްފުގެ ފައުޖުތަކުން ވަނީ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ އިރުކޮޅެއް ނުވެ، ހޫތީން ހިފާފައިވާ ވެރިރަށް ސަންއާ އަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. އެއީ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާ އެކެވެ. އަދި ހުޅަނގު ދެކުނުގެ އަވަށެއް ކަމަށްވާ ތާއިޒްގައި ވެސް ހަމަލާ ބަދަލުކުރަމުންދާ ކަމަށް އެ އަވަށުގެ އާއްމުން ވަނީ ބުނެފަ އެވެ.

ހޫތީންގެ ބާރު ގަދަކުރުމާ އެކު، ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ގުޅިފައިވާ ގަލްފުގެ ގައުމުތަކުގެ ފައުޖުތަކުން ވަނީ ޔަމަނަށް ބޮން އަޅަން ފަށާފަ އެވެ. ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެ އޮޕަރޭޝަންގެ އަމާޒަކީ ހާދީގެ ވެރިކަން އިއާދަކުރުމެވެ.

ހާދީގެ ކުރިން ވެރިކަމުގައި ހުންނެވި އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހަނގުރާމަވެރިން ވެސް މިހާރު ވަނީ، ސޯލިހްގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރި ހޫތީންނާ ގުޅިފަ އެެވެ.

ޔަމަންގެ މަސްރަހު އިންތިހާ އަށް ގޯސްވެ، ކުރިމަތިލުންތަކުގައި 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 1،500 އަށް ވުރެ ގިނަ އާއްމުން ހިމެނޭއިރު، އިތުރަށް 25 މިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަަށް 80 ޕަސެންޓް ވަނީ ހާލުގައި ޖެހިފަ އެވެ.

އދ. އިން ބުނާ ގޮތުން ޔަމަނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 1.6 ބިލިއަން ޑޮލަރު ބޭނުންވެ އެވެ. އެކަމަކު އޭގެ ތެރެއިން އަދި ލިބިފައި ވަނީ އެންމެ 13 ޕަސެންޓެެވެ.

މީގެ އިތުރުން، އދ. އިން އިސް ނަގައިގެން ފަށާފައިވާ ސުލްހައިގެ މަޝްވަރާތަކުގައި އަދި ދާއިމީ ހަައްލެއް ހޯދޭ ވަރެއް ނުވެ އެވެ. އެންމެ ފަހުން މި މަހުގެ މެދުތެރޭގައި ބޭއްވި ރަސްމީ މަޝްވަރާތައް ވެސް ނިންމާލީ އެއްވެސް ކޮޅެއްގައި ނުޖެހުމުންނެވެ.