ވިޔަފާރި

ގައުމީ އެއާލައިނުން ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލުމާ ދިމާލަށް

ގައުމީ އެއާލައިން ދަތުރުކުރާ ބައެއް މަންޒިލް ތަކަށް އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައި، "ޕްލާސްޓިކް ފުރީ" ކުންފުންޏަކަށްވުމުގެ އަމާޒާ ގާތަށް ޖެހިލައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ އުދުއްސާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އައިޝަތު ޖެނިފާ ވިދާޅުވީ 2020 އަންނަން ވާއިރަށް ޕްލާސްޓިކް ހުއްޓާލުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

"މިއަދުން ފެށިގެން މުޅި އައިލެންޑް އޭވިއޭޝަންގައި ބޭނުންކުރާނީ ބިއްލޫރި ފުޅި. ބޯޑު ރޫމްތަކުގައިވެސް ބޭނުންކުރާނީ މިފުޅި،" ޖެނިފާ ވިދާޅުވި އެވެ.

އިން-ފްލައިޓް ކޭޓަރިންގައި ޕްލާސްޓިކް ފްރީ

ގައުމީ އެއާލައިން އިން މިއަދު ވަނީ އެ ކުންފުނިން ދަތުރުކުރާ ބޭރުގެ ބައެއް މަންޒިލްތަކުގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.

ޑީއެމްޑީ ޖެނިފާ ވިދާޅުވީ އެ ކުންފުނީގެ އިންޓަނޭޝަނަލް މަންޒިލްތަކުގައި ފްލައިޓުގެ ތެރޭގައި ދޭ ކޭޓަރިންގައި އެއް ފަހަރު ބޭނުންކޮށްފައި އެއްލާލަން ޖެހޭ ތަށި ސަމުސާ ބޭނުން ކުރުން ހުއްޓާލަން ފަށާފައިވާ ކަމަށާ، މިގޮތުން އެތެރޭގެ އުދުހުންތަކުގައި ޕްލާސްޓިކް ތަށީގެ ބަދަލުގައި މިހާރު ބޭނުންކުރާނީ ކަރުދާސް ތަށި ކަމަށެވެ.

"މިހާރު ޑާކާ/ ޗެންނާއީ އަށް މި ކުރާ ދަތުރުތަކުގައި ދެން ބޭނުންކުރާނީ ވުޑުން ކަޓްލަރީ. [އުލާއި ތަށި، ސަމުސާ] ކުރިން ބޭނުންކުރާ ޕްލާސްޓިކް ކަޓްލަރީ. މިއީ އަދި ފެށުމެއް އިރާދު ކުރެއްވިއްޔާ 2020 އަންނަވާއިރަށް ޕްލާސްޓިކް އެއްކޮށް ހުއްޓާލާނެ. ކުރިއަށް އޮތްތަކުގައި ސެކްޓާތަކުން ހުއްޓާލާނެ،" ޖެނިފާ ވިދާޅުވި އެވެ.

ގައުމީ އެއާލައިންއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ އެއާލައިން އެވެ. އެ ކުންފުނިން ރާއްޖޭގެ ހުރިހާ މަންޒިލެއްގެ އިތުރުން އިންޑިއާ އާއި ތައިލެންޑް އަދި ބަންގްލަދޭޝަން ފަދަ ގައުމުތަކަށް ދަތުރުކުރެ އެވެ.

ޕްލާޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން ޕްލާސްޓިކް މަދުކުރުމުގެ ގައުމީ ކެމްޕޭނެއް ރާއްޖޭގައި ވަނީ ފަށާފަ އެވެ.