ވިޔަފާރި

މޯލްޑިވިއަން ހިދުމަތް ރަނގަޅު ކުރަން މުހިންމު ދެ ބަދަލެއް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ޓިކެޓަށް ރިފަންޑު ދިނުން އަވަސްކޮށް، ކޯލް ސެންޓަރު ހުޅުވާ ގަޑި އިތުރުކޮށްފި އެވެ.

ގައުމީ އެއާލައިންގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ހިދުމަތް ރަނގަޅު ކުރުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒު ކަމަށެވެ. ހިދުމަތް ރަނގަޅުކޮށް އަވަސް ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ބަދަލަކީ ޓިކެޓު ރިފަންޑު އަވަސް ކޮށްދިނުން. މިހާރު ރިފަންޑަށް އެދޭ ދުވަހު ޓިކެޓުގެ ރިފަންޑު ދޭ ގޮތަށް މި ބަދަލު ގެނައީ. މީގެ އިތުރުން ކޯ ސެންޓަރުގެ ހިދުމަތް މިމަހުގެ 21 އިން ފެށިގެން ހުޅުވިފައި ހުންނާނެ ހެނދުނު 8:00 އިން ރޭގަނޑު ބާރަ ޖަހަން ދެން،" ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ކޯލް ސެންޓަރު ހުޅުވާ ވަގުތު އިތުުރު ކުރީ ގިނަ ބަޔަކު މި ހިދުމަތް ހޯދާތީ ކަމަށެވެ.

"މިހާރު ހުޅުވާފަ ހުންނާނީ ހެނދުނު އަށަކުން ހަވީރު 4:30 އަށް. އެކަމަކު ރޭގަނޑު 12 ޖެހުމާ ހަމަަށް ކޯލް ސެންޓަރުގެ ވަގުތު އިތުރު ކުރުމުން ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ. އޮންލައިންކޮށް ޓިކެޓުގެ ކަންތައް ލިބެން ހުއްޓަސް މިހާރުވެސް ގިނަ ބަޔަކު ކޯލް ސެންޓަރުގެ ހިދުމަތް ހޯދާ،" މޫސަ ވިދާޅުވި އެވެ.

ގައުމީ އެއާލައިންއަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ދަތުރުކުރާ އެއް އެއާލައިން އެވެ. މޯލްޑިވިއަން އިން ދާދިފަހުން ވަނީ ޓިކެޓު އަގު ބޮޑުތަން ހެޔޮކޮށްފަ އެވެ. މި ބަދަލާއެކު ދަތުރުކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.