ދިވެހި ބަހުގެ އެކެޑަމީ

އާ ލަފްޒުތައް ހަދަނީ އުސޫލުތަކެއްގެ ތެރެއިން: އަޝްރަފް

ދިވެހި ބަހުގެ އެކަޑަމީއިން ދިވެހި ބަސްތަކުގެ ތެރެއަށް އާ ދިވެހި ލަފްޒުތަކެއް އިތުރު ކުރަނީ ހަމަ ތިބެފައެއް ނޫން ކަމަށާއި، އާ ބަސްތަށް ހެދުމުގައި އެކަޑަމީން ގެންގުޅޭ ހަރުދަނާ އުސޫލުތަކެއްވާކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެ އެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު އެ އެކަޑަމީގައި ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ، އެކަޑަމީއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ ސަބަބަކީ އާ ލަފްޒުތަށް އުފައްދާ ގޮތް ކަމަށެވެ. އަޝްރަފު ވިދާޅުވީ، ދިބެހި ބަހުގެ ތެރެއަށް އާ ލަފްޒުތަކެއް ގެންނަނީ ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަަތަ އޮފީހަކުން، ބޭނުންކުރަމުންދާ އިސްތިލާހީ ލަފްޒުތައް ދިވެހި ބަހަށް ބަދަލުކޮށް ދިނުމަށް ރަސްމީ ސިފައެއްގައި އެކަޑަމީގައި އެދުމުން ކަމަށެވެ.

ބޭނުންކުރަމުންދާ އިސްތިލާހީ ބަހެއް ދިބެހި ބަހަށް ބޭނުންކުރަން ރަސްމީކޮށް އެދިޖެއްނަމަ އެކަން ކުރާނި އެއޮފޮފީހެއްގެ މުވައްޒިފުންނާއި، ބަސް ކޮމިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މަޝްވަރާގެ މަތިން ދިވެހި ބަސް އުފެއްދުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި އިންތަކާއި ހަމަތަކަށް ބެލުމަށްފަހުގައި ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.

ބަސް ކޮމިޓީގެ ނައިބު ރައީސް އަބްދުﷲ ހަމީދް ވިދާޅުވީ، އާ ލަފްޒުތައް ހެދުމުގައި ބަސް ކޮމިޓީން 20 އުސޫލެއް ގެންގުޅޭ ކަމަށެވެ. އެގޮތުން އާއްމުކޮށް ބޭނުންކުރާ އުސޫލަކީ، އިނގިރޭސި ބަހުގެ ތެރެއަށް އާ އިނގިރޭސި ބަހެއް އިތުރު ކުރާއިރު ގެންގުޅޭ އުސޫލާއި، އާ ލަފްޒެއް ހަދާއިރު އެހަދަން އުޅޭ ބަހަކާ ގުޅޭ އިތުރު ބަހެއް އޮތްތޯ ބަލެމުގެ އިތުރުން، ބޯދާ ލަފްޒެއްގެ މާނަ ފުޅާ ކުރުމާއި، އާއްމުކޮށް ބޭނުންކުރާ ލަފްޒުތަކުގެ މާނަ ފުޅާ ކުރުން އަދި ބަސް ހަދަން ބޭނުންވާ އެއްޗެއްގެ ސިފަތަކަށް ބަލައިގެން ބަސް ހެދުން ކަމަށް އަޝްރަފު ވިދާޅުވި އެވެ.

މިއީ ދިވެހި ބަހުގެ ދުވަސް ފާހަގަކުރާ ހަތަރު ވަނަ އަހަރެވެ. މިދުވަހާއި ގުޅުވައިގެން މައުލޫމާތު ދެމުން އެކަޑަމީގެ ރައީސް އަޝްރަފް އިތުރަށް ވިދާޅުވީ، ދިވެހި ބަހަކީ މުއްސަނދި ރީތި ބަހެއް ކަމަށެވެ. ބަަސް ހީނަރުވާން ދިމާވާ ސަބަބަކީ، ދިވެހި ބަހުން ވާހަކަ ދެއްކެން ހުންނަ ހާލަތްތަކުގައި ބޭރުގެ ބަސް ބޭނުން ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދިވެހި ބަހަށް ހެޔޮއެދޭނަމަ ކުރަން ޖެހޭ އެންމެ ބޮޑު ކަމަކީ ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތަކާއި ގަވާއިދުތައް ދިފާއުކޮށް އަންނަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް އަޝްރަފް ވިދާޅުވި އެވެ.

މިއަހަރު ދިވެހި ބަހުގެ ދުވަސް ފާހަގަކޮށްފައިވަނީ "ބުނާނީ، ލިޔާނީ ދިވެހި ބަހުން" މިޝިއާރުގެ ދަށުންނެވެ.