މޯލްޑިވްސް ޕޮލިސް ސާވިސް

ޕިކަޕަކުން ޖެހި އަންހެނެއްގެ ކޮނޑުހުޅު ނެއްޓިއްޖެ

މާލޭގެ އެވިޑް ކޮލެޖް ކައިރިން ޕާކް ކުރަން އުޅުނު ޕިކަޕަކުން ޖެހި ވެއްޓުނު މީހެއްގެ ކޮނޑުހުޅު ނެއްޓިއްޖެ އެވެ.

މިއަދު ހެނދުނު 10:39 ގައި މި ހާދިސާ ހިނގީ މަގުގެ އެއް ފަރާތުގައި އަހެނަކާއި ފިރިހެނަކު ސައިކަލެއް މަތީ ތިއްބާ ކައިރިން ޕާކު ކުރަން އުޅުނު ޕިކަޕަކުން ޖެހިގެނެެވެ. ޕިކަޕުން ޖެހުމުގެ ސަބަބުން ސައިކަލްގައި ތިބި ދެ މީހުން ދުވާރު މައްޗަށް ވެއްޓުނު އިރު އޭގެ ތެރެއިން އަންހެން މީހާގެ ކަނާތު ކޮނޑު ހުޅު ނެއްޓުނީ އެވެ.

ފުލުހުން ބުނީ އަންހެންމީހާގެ ކޮނޑު ހުޅު ނެއްޓުމުގެ އިތުރުން އެއް ފައިތިލައިން ބައެއް ކަފައިގެން ވެސް ގޮސްފައިވާ ކަމަށެ.

ޕިކަޕުން ޖެހި ވެއްޓުނު ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ނުވެ އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ޕިކަޕް ޕާކު ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ގޮސް ކާރެއްގައި ވެސް ޖެހުމަށް ފަހު އެވެ. އެ ކާރަށް ވެސް ގެއްލުންތައްވި އެވެ.

ރޭ ވެސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ބާޒާރުމަތީގައި ހިނގި އެވެ. އަދި ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާއްމުކުރާ މާލޭ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފުތާގައި 58 އެކްސިޑެންޓެއް ހިނގި އިރު އެކްސިޑެންޓްތަކުގައި ހަތް މީހަކަށް އަނިޔާވެފައި ވެއެވެ.