ހަބަރު

ޕީޕީއެމްގެ ލީޑާޝިޕުން ނިހާން ވަކިވެއްޖެ

އިންތިހާބުތަކުން ޕީޕީއެމް ފެއިލްވީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށާއި އެ ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ގޮވާލައްވައި އޭނާ ޕީޕީއެމްގެ ލިޑަޝިޕުން ވަކިވެ ވަޑައިގެންފި އެވެ.

ނިހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމައަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ވެރިކަމާއި ހަމައަށް ދަތުރުކުރި ޕާޓީއެއް ކަމަށާއި ޕާޓީއިން މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީއެއްގެ ހައްގުވެރިންނަކީ އެޕާޓީގެ މެންބަރުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްގެ ލީޑަޝިޕުން ފެއިލްވި ހުރިހާ ބޭފުޅުން ޕާޓީއާ ދުރަށްޖެހިވަޑައިގަންނަވަންޖެހޭ ކަމަށެވެ. އަދި އާ ލީޑާޝިޕަކަށް ޖާގަ ދިނުމަށް ވެސް ނިހާން ވަނީ ގޮވާލެއްވި އެވެ. ދެން އޭނާ ވިދާޅުވީ ލީޑާޝިޕުން އޭނާވެސް ވަކިވެ ވަޑައިގެންފައިވާ ކަމަށެވެ. އޭނާގެ ޓްވީޓަށް އިތުރު ރައްދެއް ދެއްވަމުން ވިދާޅުވީ "އަހަރެން އިސްތިއުފާ ދީފިން" ކަމަށެވެ.

ނިހާންގެ ޓްވީޓް

"2017ގެ ލޯކަލް ކައުންސިލް އިންތިހާބާއި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ އިތުރުން މިއަހަރުގެ މަޖިލިސް އިންތިހާބު ޕީޕީއެމަށް ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން، އެ އެންމެން އިސްތިއުފާ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާންމު މެންބަރެއްގެ ގޮތުގައި ސިޔާސީ ގޮތުން ޕީޕީއެމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ އާންމު މެންބަރުންނަކީ ވަރަށްވެސް އިހުލާސްތެރި ބައެއް ކަމަށާއި މެންބަރުންނަށް އިތުރަށް ހިތާމަ އާއި ގެއްލުން ދިނުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

ނިހާން މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، މިއީ މަޖިލިސް އިންތިހާބުން އޭނާ ބަލިވުމަށްފަހު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. ރައްޔިތުން މަޖިލީހުގައި ވިލިމާލެ ދާއިރާގައި ދެ ދައުރު ހޭދަ ކުރެއްވުމަށްފަހު އުފަން ރަށުން، ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވައި ނިހާން ވަނީ މަޖިލިސް އިންތިހާބުން ނާކާމިޔާބުވެފަ އެވެ.

ނިހާންގެ އިތުރުން ޕީޕީއެމްގެ ގިނަ މަޖިލިސް މެންވަރުންނަށް ވަނީ ގޮނޑި ދިފާއު ކުރެވޭ ގޮތްނުވެ އިންތިހާބުން ބަލިވެފަ އެވެ. މީގެ އިތުރުން ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ ވެސް ވަނީ އިންތިހާބުގައި ނާކާމިޔާބުވެފަ އެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމަށް ލިބިފައިވަނީ އެންމެ ފަސް ގޮނޑި އެވެ. ޕީއެންސީ އަށް ލިބުނީ ތިން ގޮނޑި އެވެ. މަޖިލިސް އިންތިހާބުގައި ސްޕަ މެޖޯރިޓީއެއް ނެގި އެމްޑީޕީއަށް 65 ގޮނޑި ލިބުނެވެ.