ވިޔަފާރި

ހުޅުމާލެ އާ މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރަނީ

Apr 15, 2019
2

ހުޅުމާލޭގައި އަލަށް ހަދާފައިވާ އާ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރަން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭ ފެރީޓާމިނަލް ކައިރީގައި ހަދާފައިވާ "ރަށު މާރުކޭޓު" ން މޭވާ އަދި ތަރުކާރީ އާއި އެހެނިހެން ކާބޯ ތަކެތި ވިއްކަން 37 ގޮޅި ހާއްސަ ކުރާނެ ކަމަށެވެ. މީގެ އިތުރުން 20 ގޮޅިއެއް ހާއްސަކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް ވިއްކުމަށް ކަމަށް ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ އެ ރަށުގައި ދިރިއުޅޭ މީހުންނާއި ހުޅުމާލެ އަށް ދާ މީހުންނަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީ އާއިި ދިވެހި އުފެއްދުންތަކުގެ އިތުރުން ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ ފަސޭހައިން ލިބޭނެ ގޮތަށް ހަދާފައިވާ މި މާރުކޭޓުގެ ގޮޅިއެއްގެ ބޮޑު މިނުގައި 69 އަކަފޫޓް ހުންނާނެ ކަމަށެވެ. ހުޅުމާލެ އާ މާރުކޭޓު ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމުގެ އިތުރުން އެ ވިޔަފާރި އަކީ ހަ މަސް ވެފައިވާ ވިޔަފާރިއަކަށްވުން ހިމެނޭ ކަމަށެވެ.

އެޗްޑީސީ އިން ބުނީ މި ގޮޅިތަކަށް ފޯމު ބަލައިގަތުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ 9:00 އިން މެންދުރު ފަހު 3:00 އާ ދެމެދުގައި ކަމަށެވެ. ތިން އަހަރު ދުވަހަށް ކުއްޔަށް ދޫކުރާ މި ގޮޅިތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10،500ރ. ހުށަހަޅަންޖެހެ އެވެ. ގޮޅިތަކުގެ ކުއްޔަށް މަހަކު 3،500ރ. ދައްކަން ޖެހެ އެވެ.