ހަބަރު

ލީޑަޝިޕަށް ޣައްސާން ކަމަކު ނުދާނެ: ނިހާން

ޕީޕީއެމްގެ އާ ލީޑަޝިޕަށް ގެންނަން ގުރައިދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ޣައްސާން މައުމޫން ކަމު ނުދާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނެވި އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން އެހެން ވިދާޅުވިއިރު ރޭ އޭނާ ވަނީ ޕީޕީއެމްގެ ލީޑަޝިޕުން އެއް ފަރާތްވެ، އެހެން ބޭފުޅުން ވެސް އިސްތިއުފާ ދެއްވައި އާ ލީޑަޝިޕަކަށް ޖާގަ ދެއްވުމަށް ގޮވާލައްވާފަ އެވެ.

އެއާއެކު ޣައްސާންގެ އެކުވެރިއެއް އަދި މިފަހާ ޖެހެންދެން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޒާހިދު ރަމީޒު ވަނީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ޣައްސާންގެ ނަން އެންޑޯޒްކޮށްފަ އެވެ. ނަމަވެސް އެއަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ ޣައްސާން ކަމު ނުދާނެ ކަމަށެވެ. ކަމުނުދާ ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ އެ މަގާމަށް ޒާހިދު ރަނގަޅު ވާނެ ކަމަށެވެ.

ޣައްސާންއަކީ މިފަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވުނު ޕީޕީއެމްގެ މަދު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ޣައްސާން ކާމިޔާބު ކުރެއްވީ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމްގެ ތާއިދާއެކު ވާދަވެރި ކެންޑިޑޭޓެއް ވެސް ނުކުންނަވާ ހުންނަވަނިކޮށެވެ.

ޣައްސާން ވަނީ މީގެކުރިން ޕީޕީއެމްގެ ކައުންސިލް މެންބަރުކަން ކުރައްވާފަ އެވެ. "އަވަސް ހުކުރު"އަށް ޣައްސާން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ މެންބަރުން އެދެފިނަމަ އެ ޕާޓީގެ އިސް މަގާމަކަށް ވަޑައިގަންނަފާނެ ކަަމަށެވެ.

އިންތިހާބުގައި ވާދަކުރައްވައި، ނިހާންއަށް ވެސް ނާކާމިޔާބުވެފަ އެވެ. އޭނާ ޕާޓީގެ ލީޑަޝިޕާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވީ އެހެންވެ އެވެ. ޕީޕީއެމްއަށް ވަނީ މިފަހުން ބޭއްވި ތިން އިންތިހާބުގައި ވެސް ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ.