ހަބަރު

ތަމްރީނުތައް ހިންގަން އެމްޕީއެލާއި ޓިވެޓް އެއްބަސްވެއްޖެ

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ދަށުން ހިންގާ ޓިވެޓް އޮތޯރިޓީ އާއި އެމްޕީއެލްއާ ދެމެދު ތަމްރީނު ޕްރޮގްރާމެއްގައި ސޮއިކޮށްފި އެވެ.

އެމްޕީއެލް އާއި ޓިވެޓް އޮތޯރިޓީިން މި އެއްބަސް ވުމުގައި މިއަދު ސޮއި ކުރިއިރު އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި ޓިވެޓް އޮތޯރިޓީން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާނުންނަށް ހާއްސަކޮށް އެމްޕީއެލްގައި ފުލްޓައިމް ޓްރެއިނިންގް ޕްރޮގްރާމެއް ހިންގާނެ އެވެ. މި ޕްރޮގްރާމްގައި އެކި ދުވަސްތަކަށް ބަހާލައިގެން ތަމްރީންތައް ދޭނެ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ، އެމްޕީއެލް އަކީ އެކި ދާއިރާތަކުން ތަމްރީނު ލިބިފައިވާ މުވައްޒަފުން ބޭނުންވާ މުއައްސަސާއެއް ކަމަށާއި އެ ކުންފުންޏަކީ ބަނދަރެއް އޮޕަރޭޓް ކުރާ ތަނަކަށް ވާތީ މެރިޓައިމް ޓެކްނިކަލް އަދި މެކޭނިކަލް ފަދަ ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރެވި އެމްޕީއެލް އަށާއި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ފައިދާ ކުރާނެ ކަމަށެވެ.

"އެމްޕީއެލް އަކީ ވަރަށް ގިނަ ދާއިރާތަކަށް މުވައްޒަފުން ބޭނުންވާ މުއައްސަސާއެއް. ކޮމާޝަލް ބަނދަރެއް އޮޕަރޭޓް ކުރާ މުއައްސަސާއަކަށް ވާތީ، މެރިޓައިމް ދާއިރާ، އިންޖިނިއަރިންގް އަދި ޓެކްނިކަލް މެކޭނިކަލް، މިކަހަލަ ވަރަށް ގިނަ ދާއިރާތަކަށް މުވައްޒިފުން ބޭނުންވޭ. އަދި މުވައްޒަފުން ނެގުމުގައި ކޮލިފައިޑް ނުވަތަ ސްކިލްޑް މުވައްޒަފުުން ހޯދުމަކީ ދަތި ކަމަކަށް ވޭ. މި ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އަށާއި މި ދާއިރާގެ އެހެން މުއައްސަސާތަކުން ވަޒީފާތަކަށް ދާނެ ޒުވާނުން ތަމްރީނު ކުރެވިގެން ދާނެ" ޝާހިދު ވިދާޅުވި އެވެ.

މި ތަމްރީނު ޕްރޮގްރާމާ ބެހޭ ގޮތުން ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ، މި ޕްރޮގްރާމްތަކަކީ ފެންވަރު ބެލެހެއްޓިގެން ހިންގާ ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި މި ޕްރޮގްރާމްތަކަކީ ފެންވަރު ޔަގީން ކުރެވިފައިވާ ޕްރޮގްރާމްތަކެއް ކަމަށް ހެދުމަކީ ޓިވެޓް އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ.