އޭއެފްސީ

ލަންކާ މަކޯއޯ، ޕާކިސްތާން ކެމްބޯޑިއޯ، ބަންގާޅު ލާއޯސް

ގަތަރުގައި ބާއްވާ ވޮލްޑްކަޕާއި، ކޮރެއާ ޖަޕާންގައި ބާއްވާ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގެ ގުރު ނެގުން މިއަދު ބާއްވާއިފި އެވެ.

ފުރަތަމަ ބުރުގައި، ދެކުނު އޭޝިއާގެ ހަތަރު ޓީމު ވާދަ ކުރާނެ އެވެ. ސަރަހައްދުގެ ޗެމްޕިއަން ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލްގެ ކޮލިފިކޭޝަން ބުރު ފެށޭނީ ދެ ވަނަ ބުރުންނެވެ. ފުރަތަމަ ބުރަކީ ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖަށް ދިއުމަށް ކުޅޭ ޕްރިލިމިނަރީ ބުރުގެ މެޗުތަކެވެ.

ފުރަތަމަ ބުރު ކުޅެން ޖެހޭނީ، އޭޝިއާގެ ރޭންކިންގެ ގަދަ 34 ޓީމުގެ ލިސްޓުން ފުރުސަތު ނުލިބޭ ޓީމުތަކެވެ. ފުރަތަމަ ބުރުގައި ވާދަ ކުރާ، އަވަށްޓެރި ޝްރީލަންކާ ނިކުންނަށް ޖެހޭނީ މަކާއޯ އާ ދެކޮޅަށެވެ. ލަންކާއާ މަކޯއޯ ވަނީ 2016 ވަނަ އަހަރުގެ އޭއެފްސީ ސޮލިޑާރިޓީ ކަޕުގައި ވާދަ ކޮށްފަ އެވެ. އެ މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓިފައި އޮތް އަވަށްޓެރި ޕާކިސްތާން ވާދަ ކުރަން ޖެހޭނީ ކެމްބޯޑިއާ ދެކޮޅަށެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރި ބަންގުލަދޭޝް ވާދަ ކުރަނީ ލާއޯސްއާ ދެކޮޅަށެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގެ ކޮލިފިކޭޝަން ބުރުން ޖާގަ ހޯދި، ބޫޓާން މިފަހަރު ވާދަ ކުރާނީ ވަރުގަދަ ގުއާމް އާ ދެކޮޅަށެވެ. ގުއާމް ވަނީ އިންޑިއާ އާ ދެކޮޅަށް ކުޅެ އެއްވަރު ކޮށްފަ އެވެ.

ފުރަތަމަ ބުރުގެ އެހެން ކުރިމަތިލުންތަކަށް ބަލާލާއިރު، މޮންގޯލިއާ ވާދަ ކުރާނީ ބުރުނާއީ އާ ދެކޮޅަށެވެ. މެލޭޝިއާ ނިކުންނާނީ ޓީމޯލިސްޓޭއާ ދެކޮޅަށެވެ.

ފުރަތަމަ ބުރުގެ ފުރަތަމަ ލެގް މެޗުތައް ކުޅުމަށް ތާވަލު ކޮށްފައި ވަނީ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. ދެ ވަނަ ލެގް ކުޅޭނީ ޖޫން މަހު 11 ވަނަ ދުވަހު އެވެ. ދެ ވަނަ ބުރުން ޖާގަ ހޯދާނީ ދެ ލެގުގެ ނަތީޖާއިން މޮޅުވާ ޓީމެކެވެ.

ދެ ވަނަ ބުރުގެ ކޮލިފިކޭޝަން ފަށާނީ، ސެޕްޓެމްބަރު މަހު އެވެ. ދެ ވަނަ ބުރުގައި މިހާރު ސީޑް ކޮށްފައި ވަނީ 34 ޓީމެވެ. ޕްރިލިމިނަރީ ބުރުން ދެ ވަނަ ބުރަށް ކޮލިފައިވާ ހަ ޓީމާއެކު ޖުމުލަ 40 ޓީމު ދެ ވަނަ ބުރުގައި ވާދަ ކުރާނެ އެވެ. ދެ ވަނަ ބުރު ކުރިއަށްދާނީ 40 ޓީމު އަށް ގުރޫޕަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭނެ ގޮތަށެވެ.

ދެ ވަނަ ބުރުން، ތިން ވަނަ ބުރަށް ކޮލިފައި ވާނީ ގުރޫޕްގެ އެއް ވަނަ ޓީމާއި، ގުރޫޕްތަކުގެ ދެ ވަނަ އަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެވެ. ޖުމުލަ 12 ޓީމެވެ. ތިން ވަނަ ބުރުގައި 12 ޓީމު ބަހާލަނީ ދެ ގުރޫޕަކަށެވެ. ކޮންމެ ގުރޫޕެއްގައި ހަ ޓީމެވެ.
ތިން ވަނަ ބުރުގެ ދެ ގޫރޫޕުން އެއް ވަނަ އާއި ދެ ވަނަ އަށްދާ ޓީމުތައް، 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕަށް ސީދާ ކޮލިފައި ވާނެ އެވެ.

ތިން ވަނަ ބުރުގެ ގުރޫޕްތަކުގެ ތިން ވަނައަށްދާ ދެ ޓީމަށް އިތުރު ފުރުސަތެއް ލިބޭނެ އެވެ. އެއީ ކޮލިފިކޭޝަންގެ ހަތަރު ވަނަ ބުރެވެ. ހަތަރު ވަނަ ބުރުގައި ވާދަ ކުރާނީ ދެ ގުރޫޕުން ތިން ވަނަ އަށް ދާ ދެ ޓީމެވެ. އެ ދެ ޓީމު ދެ ލެގް ކުޅުމަށް ފަހު އެ ދެ ލެގްގެ ނަތީޖާއިން ކުރި ހޯދާ ޓީމެއް ވާދަކުރާނީ އިންޓަ ކޮންޓިނެންޓަލް ކޮލިފިކޭޝަންގެ ޕްލޭއޮފް ގައެވެ. ޕްލޭއޮފްއިން މޮޅުވާ ޓީމެއް ވޯލްޑްކަޕަށް ކޮލިފައި ވާނެ އެވެ.