އައިޖީއެމްއެޗް

އައިޖީއެމްއެޗް އެއާކޮންޑިޝަން މައްސަލަ އަންނަ މަހު ހައްލުވާނެ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްުގެ ސެންޓްރަލް އެއާކޮންޑިޝަން ނިޒާމަށް ދިމާވެފައިވާ މައްސަލަތައް އަންނަ މަހުގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ވަނީ ނޫސްބަޔާނެއް އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނަނީ ހޮސްޕިޓަލްގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ކޫލިން ޓަވަރަށް މިހާރު އޯޑަރު ދީފައިވަ ކަމަށާއި މި މަހުގެ ފަހުކޮޅު އެ ޓަވަރު ރާއްޖެ ގެންނާނެ ކަމަށެވެ.

އަދި ބުނީ އަންނަ މޭ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލާނެ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނަނީ ޖެނަރަލް ވޯޑްތަކުގައި އެއާކޮންޑިޝަން ހަރު ކުރުމުގެ މަސައްކަތުގެ ޕައިލެޓް ޕްރޮޖެކްޓް މިހާރު ނިމިފައިވާ ކަމަށާއި ކުރިޔަށް ހިނގާ އަށް ހަފުތާގެ ތެރޭގައި ހުރިހާ ޖެނެރަލް ވޯޑެއްގައި އެއާކޮންޑިޝަން ހަރުކޮށް ނިމޭނެ ކަމަށެވެ.