ވިޔަފާރި

އެމްއެމްޕީއާރުސީގެ ނަން ބަދަލު ކުރަނީ

ބޮޑެތި ހިޔާނާތާ ގުޅިގެން ނަން ހަޑިވެފައިވާ ސަރުކާރުގެ މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ނަން ބަދަލު ކުރަން ނިންމައި ނަން ތަކެއް ރައީސް އޮފީހާ މަޝްވަރާ ކޮށްފައިވާ އެވެ.

ސަރުކާރުގެ މާކެޓިން ކުންފުނި އެމްއެމްޕީއާރްސީއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ނަން ބަދަލު ކުރުމަށްޓަކައި ކިޔާނެނަން ތަކަކާމެދު މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ނަން ތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެންގެ މެންޑޭޓުގައި ރާއްޖެ ޕްރޮޕޯޓް ކުރުން ނޫން އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެން މިއީ ކޮން ކުންފުންޏެއްތޯ؟ މިއީ އެހާ މުހިންމުކަމެއް ނޫން. އަޅުގަނޑުމެން މި ވިއްކާ އެއްޗަކީ 'މޯލްޑިވްސް' މި ނަން. ސަނީ ސައިޑް އޮފް ލައިފް. އެ ލޯގޯ އަޅުގަނޑުމެންގެ އެއްޗަކީ ވެސް،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާ، އެހެންވެ ނަން ބަދަލު ކުރުމަށްޓަކައި ރައީސް އޮފީހަށްނަން ތަކެއް ފޮނުވާފައިވާނެ ކަމަށެވެ.

"ނަން ބަދަލު ކުރުމަށް ތަފާތު ނަންތަކެއް ވާނީ ފޮނުވިފައި. އެކަންވެސް އެބަ ހިނގާ. ތާއިވިތަކުގެ ވާހަކަ ދައްކާ އެކަން ކުރުމަށް އެހާ މުހިންމެއް ނޫން އަޅުގަނޑުމެންނަކަށް. ބޮޑަށް ރަނގަޅީ ކުރިއަށް ވިސްނައިގެން ދިއުން،" ތޮއްޔިބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެނަން ބަދަލު ކުރަން ނަން ތަކެއް ރައީސް އޮފީހަށް ފޮނުވާފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އަދި މުޅިން ނުނިމެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ދައުލަތަށް 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާއިރު އެ މައްސަލައިގައި އޭސީސީން ވަނީ ޖިނާއީ ތަހުގީގެއްކޮށް ހާއްސަ ރިޕޯޓެއް ވެސް ނެރެފަ އެވެ. އެ ރިޕޯޓުގައި ފައިސާ ލިބުނު ބައެއް ފަރާތްތަކާއި އެ ހިޔާނާތް ހިންގުމުގައި މެދުވެރިއަކަށްވި އެސްއޯއެފް އިން ބައެއް ކުންފުނިތަކާއި ވަކިވަކި މީހުންނަށް ޑޮލަރު ވިއްކިކަން ވަނީ ހާމަކޮށްފައިވެ އެވެ.