ދަށު ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭ ބަންދާ މެދު ހައިކޯޓުން ގޮތް ނިންމުމަކީ އިސްތިއުނާފު ކުރުމުގެ ނިޒާމަށް ހުރަސް އެޅިގެންދާ ކަމެއްގެ ގޮތުގައި އެ ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފި އެވެ.
ހައިކޯޓުން އެ ގޮތަށް ހުކުމް ކުރީ އިއްޔެ އެވެ. އެއީ މާރާމާރީ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ދައުވާކޮށްފައިވާ މީހަކު ކުރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމުން، އެ އަމުރު ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅުމުން އިއްވި ހުކުމެކެވެ.
އެމީހާ ބަންދުން ދޫކޮށްލާފައިވަނީ "އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް" ކަމަށް ބުނެ އެވެ. އޭގެ ކުރިން އެމީހާ ހުރީ ޝަރީއަތް ނިމެންދެން، ކުރިމިނަލް ކޯޓުގެ އެހެން އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޝަރީއަތް މިހާރު ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.
ހައިކޯޓުން އިއްޔެ ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ތަހުގީގު މަރުހަލާގައިވާ މައްސަލަތަކާ ހިލާފަށް ދަށު ކޯޓަށް ހުށަހެޅި ހިނގަމުންދާ ޝަރީއަތްތަކުގައި އިސްތިސްނާއީ ހާލަތެއްގައި މެނުވީ ހައިކޯޓުން ބަންދުގެ މުއްދަތު ޖެހުމަކީ އެ މައްސަލައެއްގެ މައުޟޫއުއާ މެދު ދަށު ކޯޓުން ނިންމާ ނިންމުން އިސްތިއުނާދު ކުރުމުގެ ކުރިން އެ މައްސަލައިގެ މައުޟޫއުގެ ތެރެއަށް ހައިކޯޓަށް ވަދެވޭ ވަދުވުމެއް ކަމަށެވެ.
"... ހުށަހެޅިފައިވާ ދައުވާގެ މައުޟޫއާމެދު ދަށު ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ މައުޟޫއުއާ ގުޅޭ ހެކިތައް ހައިކޯޓުން ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ބުރަދަނެއް ދީ ނުވަތަ ބުރަދަނެއް ދެވެން ނެތް ކަމަށް ބަލައި ގޮތް ކަނޑައެޅުމަކީ އިސްތިއުނާފު ކުރުމުގެ ނިޒާމާ ހިލާފު ކަމެއް،" ހުކުމްގައިވެ އެވެ.
އެހެންވެ، އިސްތިސްނާއީ ހާލަތެއްގައި މެނުވީ ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ހައިކޯޓުން ބަންދުގެ މުއްދަތު ޖެހުމަކީ އިސްތިއުނާފު ކުރުމުގެ ހައްގަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އެ ހުކުމްގައި ކަނޑައެެޅި އެވެ.
ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ބަންދާމެދު ދަށު ކޯޓުން ނިންމާ ނިންމުންތައް ހައިކޯޓުން ބާތިލްކޮށް، އެ މައްސަލަ ބަލަން ޖެހޭ ގާނޫނީ އުސޫލުތައް ބަޔާން ކޮށްދިނުމުން އެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލައެއްގެ ބަންދާމެދު ގޮތެއް ނިންމަން ޖެހެނީ ދަށު ކޯޓުން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ހުކުމް ކުރި މައްސަލާގައި އެމީހާ ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ކަނޑައެޅި ސަބަބު އަމުރުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އެ ހުކުމްގައި ބުނީ މީހެއްގެ ބަންދު އިތުރު ކުރާ ނަމަ، ނުވަތަ މީހަކު ބަންދުން ދޫކޮށްލާ ނަމަވެސް އެކަމަކަށް ވާސިލްވި ސަބަބު އަމުރުގައި ބަޔާންކުރަން ޖެހޭނެ ކަމަށެވެ. ނޫންނަމަ ގާޒީގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެވޭ ކަމަށެވެ.
މައްސަލާގައި ދައުވާ ލިބޭ މީހާއާ ދެކޮޅަށް މަންޒަރު ދުށް ފަރާތްތަކުގެ އިތުރުން ސީސީޓީވީ ފުޓޭޖާއި ސައިންޓިފިކް ހެކި ހުށަހަޅާފައިވާ ކަމަށް ހުކުމްގައި ފާހަގަކުރެ އެވެ. އަދި ދައުލަތުގެ ވާހަކައިން މައްސަލާގައި ހިމެނޭ ހެކިންނަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވަމުންދާ ކަމާއި ހެކިންގެ ހެކި ބަސް ވެސް އަދި ނުނެގޭކަން އެނގެން އޮންނަ ކަމަށް ހުކުމްގައި ފާހަގަކުރެ އެވެ. އެހެންވެ، އޭނާ ބަންދުން ދޫކޮށްލި އަމުރަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނިންމި އެވެ.
ހައިކޯޓުން ހުކުމް ކުރީ އެ ހުކުމް އިއްވާތާ ފަސް ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެމީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓަށް އަލުން ހުށަހަޅެމަށެވެ. އަދި އެގޮތަށް ހުށަހަޅައިފިނަމަ ފަސް ދުވަހުގެ ތެރޭގައި ކުރިމިނަލް ކޯޓުން އެމީހާގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހުކުމްގައި ކުރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
ހައިކޯޓުގެ ހުކުމްގައި އިތުރަށް ފާހަގަކުރީ ދަށު ކޯޓުގައި ހިނގާ މައްސަލައެއް ބަލަން ޖެހޭ ގާނޫނީ އުސޫލުތައް ބަޔާންކޮށް އެންގުމުން އެގޮތަކަށް އަމަލު ކުރުމަކީ ތިން މަރުހަލާގެ ކޯޓު ނިޒާމެއްގައި ފަނޑިޔާރުން އަމަލު ކުރަން ގާނޫނު އަސާސީ އާއި ގާނޫނުތައް ކުރަހައިދީފައިވާ ތަސައްވަރެއް ކަމަށެވެ. އެއީ މައްސަލަތަކާ ބެހި ނުފޫޒ ފޯރުވުން ކަމުގައި މާނަ ނުކުރެވޭނެ ކަމަށެވެ.
މި ހުކުމް އިއްވަވާފައިވަނީ ފަނޑިޔާރު މުހައްމަދު ނިޒާޔާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.