ވިޔަފާރި

އުރީދޫން ޑޮކްޓަރުންނަށް ބައެއް ހިދުމަތްތައް ހިލޭކޮށްލަނީ

Apr 19, 2019
4

ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ޑޮކްޓަރުން އެއް ވިއުގައެއްތެރެއިން ގުޅުވައިދީ އެކަކު އަނެކަކަށް ހިލޭ ގުޅުމުގެ ފުރުސަތުދޭ ހާއްސަ ޕްލޭނެއް އުރީދޫން މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫން ތައާރަފުކުރި މި މޮބައިލް ޕްލޭން މެދުވެރިކޮށް، ޓްވިޓާ އާއި ވައިބާ ހިލޭ ބޭނުންކޮށް، އާންމުކޮށް ބޭނުން ކުރަންޖެހޭ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރަން ޚާއްސަ ޑޭޓާ އެލަވަންސްތަކެއް ހިމަނާފައި ވެސް ވެއެވެ.

ޑޮކްޓަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ މި ޕެކޭޖް ތައާރަފް ކޮށްފައި ވަނީ، އުރީދޫ ހެޑްކުއާޓާސްގައި އިއްޔެ ބޭއްވި ހަފްލާއެއްގައި، ޑޮކްޓާސް އެސޯސިއޭޝަންގެ ރަޢީސް ޑރ. އަލީ ޝާހިދު މުހައްމަދާއި އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ ތަވަބަލަން ޕޫބަލަސިންގަމް އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވީ ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި، ރާއްޖޭގެ ޑޮކްޓަރުން ދެވަނައެއް ނެތް ދައުރެއް އަދާކުރާ ކަމަށާ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބުރަކޮށް މަސައްކަތްކުރާ ޑޮކްޓަރުންނަށް އުރީދޫ ޓީމުން ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ.

"އަދުގެ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ޑޮކްޓަރުންގެ މި މުހިންމު މަސައްކަތައް ތަފާތު ގޮތްތަކުން އެއްބާރުލުންދީ، އެ ބޭފުޅުންގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި ފަސޭހައިން ގުޅުވާލައިދޭ. މިގޮތުން، ޑޮކްޓަރުންގެ ދައުރު އަގުވަޒަންކުރާ މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ ޑޮކްޓަރުންނަށް ޙާއްސަ ޕްލޭނެއް ތައާރަފު ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ ޑޮކްޓަރުންގެ ޕްލޭން ވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޑޮކްޓަރުންނަށް ހުޅުވާލާފަ އެވެ. މި ޕެކޭޖް ހިޔާރުކުރުމާއެކު، ޕެކޭޖް ބޭނުން ކުރާ ޑޮކްޓަރުންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސް ވެސް ހިލޭ ވާނެ އެވެ. ރާއްޖޭގެ ޑޮކްޓަރުން އެއް ވިއުގައެއްގެ ތެރޭގައި ގުޅާލަދިނުމުގެ އިތުރުން، މި ޕްލޭންގައި އެހެން މުހިންމު ހިދުމަތްތަކެއް ވެސް ހިމަނާފައި ވެއެވެ.

  • އުރީދޫ ކްލަބް ޕްރިމިއަރގެ ފައިދާތައް ލިބިގެންދިއުން
  • ރާއްޖޭގެ އެންމެ ހަލުވި 4ޖީ+ ނެޓްވޯކު މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރަން ބޮޑެތި ޑޭޓާ އެލަވަންސްތައް
  • ވައިބާ އަދި ޓްވިޓާ ހިލޭ ބޭނުންކުރުމުގެ ފުރުސަތު
  • ކޮޗްރޭން، ހިނާރީ ފަދަ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރަން ޑޭޓާ އެލަވަންސް